ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުން ބޭރުގެ ދަތުރުތައް އަލުން ފަށައިފި

15 އެޕްރީލް 2024 - 17:03

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ދަށުން އޮޕަރޭޓް ކުރާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން އިންޓަރނޭޝަނަލް ދަތުރުތައް ފަށައިފިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ދަތުރުތަކަށް މެދުކެނޑުމެއްއައީ އެއަރޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ފެށުނު ހިސާބުންނެވެ.

އާރްއޭސީއެލް އިން ބުނިގޮތުގައި މި މަޝްރޫޢު ފެށުމުގެ ކުރިންވެސް ކުންފުނީގެ އަމާޒަކަށްފެވައިވަނީ އެއަރޕޯޓުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް ނުގެނެސް މަސައްކަތް ކުރިއަށް ގެންދިއުމެވެ. ނަމަވެސް ތާވަލާ އެއްގޮތަށް މަސައްކަތްކުރިއަށް ގެންގޮސް އަވަހަށް ޕްރޮޖެކްޓް ނިންމާލުމަށްޓަކައި އެއަރޕޯޓު އޮޕަރޭޓްކުރާ ގަޑިތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އިންޓަރނޭޝަނަލް ފްލައިޓް ކެންސަލް ކޮއްލަން ޖެހުނީއެވެ.

އެއަރޕޯޓްގެ ހިދުމަތްތަށް ތަރައްގީ ކޮށް އިތުރަށް ފުޅާ ކުރުމަށްޓަކާ 2465 މީޓަރުގެ އާރަންވޭއެއް އެޅުމުގެ މަސައްކަތުގެ ތެރެއިން، މިހާރު މިވަނީ 1200 މީޓަރުގެ މަސައްކަތް އެއްކޮށް ނިމި މިހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާލެވިފައިވާ ކަމަށް އާރްއޭސީއެލް އިން ހާމަކުރިއެވެ.

އަދި މީގެ އިތުރުން، 2465 މީޓަރުގެ އާރަންވޭގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށް މިހިނގާ އެޕްރީލް މަހުގެ ނިޔަލަށް ނިންމާލެވިގެން ދާނެ ކަމަށާ، އިންޓަރނޭޝަނަލް ފްލައިޓް އޮޕަރޭޝަން އަލުން ފެށުމާ އެއްކޮށް، ހަފްތާއަކު ދެ ފްލައިޓް (ހުކުރު އަދި ހޯމަ) ދުވަހު އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ރީޖަނަލް އެއެރޕޯޓްސް ކޮމްޕެނީން ހާމަކުރިގޮތުގައި، އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު މުބީން ގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ޕްލޭން އާއި އެއްގޮތަށް މުޅި އެއަރޕޯޓްގެ މަސައްކަތްތަށް މިހިނގާ 2024 ވަނަ އަހަރުގެ ނޮވެންބަރ މަހު ނިމި އޮޕަރޭޝަން އަށް ހުޅުވާލެވިގެން ދާނެ ކަމަށެވެ.