އިރާދަކުރެއްވިއްޔާ ރައްޔިތުން އުންމީދުކުރާވަރުގެ ތަރައްޤީއެއް އަޅުގަނޑު ގެނެސްދޭނަން: ރައީސުލްޖުމްހޫރިއްޔާ
12 އެޕްރީލް 2024 - 13:30
އުމްރާނީ ތަރައްޤީކަމުގައިވިޔަސް، މަގު ހެދުން، ބިން ހިއްކުން، ނަރުދަމާ، މިހެންގޮސް އިޤްތިޞާދީ މަޝްރޫޢުތައް ހިންގުންކަމުގައިވިޔަސް، ރައްޔިތުން އުންމީދު ކުރާވަރުގެ ތަރައްޤީއެއް ރައްޔިތުން އެދޭގޮތަށް ގެނެސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމަތީ އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލ އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެތަނެއް ނިންމާނީ ލ އަތޮޅުގެ ރައްޔިތުންގެ އަޑުއަހައިގެން، އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށްކަމުގައެވެ. އަދި ތަރައްޤީގެ ކަންކަން ކުރިއަށްގެންދިއުމުގައި އިސްދޫ-ކަލައިދޫ ދާއިރާއަށް އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ލ އަތޮޅަށް ގެނެސްދެއްވަން ވިސްނަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ. އަދި އެފަދަ މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެމައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެ، އާމްދަނީ އިތުރުވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވަން ހުރި ކަންކަން ކުރުމަށް، ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ބާރުއަޅުއްވާފައެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ، ރައްޔިތުން އެދޭ ތަރައްޤީ ގެނައުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ލ. އިސްދޫ އަދި ކަލައިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ ބައެއް ރަށްރަށަށް ފެށްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.