ރިޕޯޓު: ކޮމަންޑޫ ދާއިރާ އިން ދައްކުވައިދިނީ ސަރުކާރު އަދިވެސް އޮތީ ވަރުގަދަކޮށްކަން!

9 ފެބުރުއަރީ 2022 - 8:40

ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން އެންމެ ބޮޑަށް ދައްކާ އެއް ވާހަކަކީ މި ސަރުކާރުގެ ދުވެލި މަޑުކަމެވެ. ތިން އަހަރަށް ވުރެ ގިނަ ދުވަސްވެ، އަނެއް ރިޔާސީ އިންތިހާބަށް ރޭސް ފެށޭ އިރު ވެސް އެ ބުނާ ކަހަލަ "ބޮޑު ބިޔަ" މަޝްރޫއެއް ނުހިންގޭ ވާހަކައެވެ. އަދި ސަރުކާރުން ވައުދުވި ކަންކަން ކޮށްނުދެވި އާންމުންގެ މެދުގައި ސަރުކާރުގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވެސް ބުނެއެވެ. އަދި ސަރުކާރުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅުންގެ ކޯޅުމުގެ ސަބަބުން އާންމު މެންބަރުންގެ މެދުގައި ވެސް ބައިބައިވުން އުފެދިފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ މިކަންކަން ވަޒަންކޮށްލަން ލިބުނު ފުރުސަތެކެވެ. މި އިންތިހާބު ވެފައި ވަނީ، ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް ސަރުކާރުގެ މަގުބޫލުކަން ކޮންމެ ވެސް ސިފައެއްގައި ޓެސްޓްކޮށްލަން ވެސް ލިބުނު ފުރުސަތަކަށެވެ. ވާދަވެރި އިންތިހާބަކަށް ފަހު އެމްޑީޕީގެ އަދި ސަރުކާރުގެ ކެންޑިޑޭޓް، މުހައްމަދު ރާޝިދު (ރާޑޯ) ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯއްދަވައި މިއަދު ވަނީ މަގާމުގެ ހުވާކުރައްވައި މަޖިލީހަށް ވަދެވަޑައިގެންފައެވެ. ކޮމަންޑޫގެ ދާއިރާ އަލުން ދިފާއުކުރުމަކީ ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ. ނަމަވެސް އިދިކޮޅު ސިފަކުރަނީ ނިމިދިޔަ އިންތިހާބަކީ ސަރުކާރަށް ލިބުނު ނާކާމިޔާބެއްގެ ގޮތުގައެވެ. އަދި ކުރީގެ އިންތިހާބާ އެއްވަރަށް ނިސްބަތުން ވޯޓު ނުލިބުމަކީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ސަރުކާރަށް ނާކާމިޔާބުވާނެކަމުގެ ހެއްކެއް ކަމަށް ވެސް އިދިކޮޅުން ޖަހާ ހިސާބުގައި ދައްކައެވެ.

https://twitter.com/mvpeoplesmajlis/status/1491262236413030400

ތެދެކެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދުމަށް ސަރުކާރުން ވަރުގަދަ ކެމްޕެއިނެއް ކުރިއެވެ. އެ ދާއިރާގައި ހިމެނޭ ތިން ރަށުގެ ތަރައްގީ އަށް ބަޖެޓްގައި ނެތް އެތައް މަޝްރޫއެއް ފެށިއެވެ. ނަމަވެސް އެއިން ކޮންމެ މަޝްރޫއަކީ ވެސް އެ ރަށްރަށުގެ ތަރައްގީ އަށް ކޮންމެހެން މުހިންމު އަދި ކުރީގެ ސަރުކާރުތަކުގެ އިހްމާލުން ނުވެފައި ހުރި ކަންކަމެވެ. ފެނާއި ނަރުދަމާ އާއި ބަނދަރާއި، އިގްތިސާދު ރަނގަޅުކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މަޝްރޫއުތަކާއި ބިމުގެ ދަތިކަމާއި މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ފާއިތުވި އެތައް އަހަރެއްގައި ފުރިހަމަ ނުވެ ހުރި އެތައް ކަމެއް ސަރުކާރުން ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ފަށައިފައެވެ. ކެމްޕެއިނާ ދިމާކޮށް މަޝްރޫއުތަކުގެ ފެށުންތައް އައި ނަމަވެސް މިއިން ކޮންމެ މަޝްރޫއަކީ ވެސް ޕްލޭންކުރެވި ކޮންމެ ވެސް ޒަމާނަކުން ކުރަންޖެހޭނެ މަސައްކަތްތަކެވެ.

މިފަދަ މަޝްރޫއުތައް ހިންގަނީ ހަމައެކަނި ކޮމަންޑޫ ދާއިރާގައި އެކަންޏެއް ނޫނެވެ. ސަރުކާރުން އަންނަނީ މިފަދަ އެތައް މަޝްރޫއުތަކެއް ރަށްރަށުގައި ކުރިއަށް ގެންދަމުންނެވެ. ނަމަވެސް ކެމްޕެއިނެއް ނުވަތަ އިންތިހާބެއް ނެތުމުން އެ މަޝްރޫއުތަކަށް މީޑިއާ އާއި ސިޔާސީ ފަރާތްތަކުގެ ސަމާލުކަން ނުލިބެނީއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫއަކީ ދިވެހިން ގައިންތާހިރުކުރުމަށް ސަރުކާރުން ހިންގާ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއެވެ. މި ސަރުކާރުން ވަނީ މިހާތަނަށް އެކަން ގާއިމުނުކުރެވި ހުރި ހުރިހާ ރަށެއްގައި އެ މަސައްކަތް ފަށައިފައެވެ. އެހެންކަމުން ޒަމާނުއްސުރެ ކެމްޕެއިން ވައުދުތަކާއި މެނިފެސްޓޯގެ އެންމެ ކުރީގައި އޮތް އެ ވާހަކަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެހެން ބަޔަކަށް ނޯންނާނެއެވެ. އިންޖީނުގެ މަރާމާތުކުރުމާއި އާ އިންޖީނުގެތައް އަޅައި ޒަމާނީ ފެންވަރުގެ ކަރަންޓްގެ ވާހަކަ ވެސް ދާދި އަވަހަށް ކެމްޕެއިން މެނިފެސްޓޯތަކުން އުނިކުރަންޖެހޭނެއެވެ. އެފަދަ އެތައް މަޝްރޫއެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.

https://twitter.com/MDPSecretariat/status/1489481458016460800

މި މަޝްރޫއުތައް މިހެން ހުރެމެ، މާލޭގައި ތިބި އަޑުގަދަ ބޭފުޅުން ދައްކަވާ ވާހަކަތަކަށް މީޑިއާގެ ސަމާލުކަން ލިބޭތީ ސަރުކާރުގެ މަގުބޫލުކަން ގެއްލިފައިވާ ކަމަށް ބަޔަކަށް ހީވެދާނެއެވެ. ނަމަވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރުން ނަގައި އެ ފާޑުކިޔުންތަކަށް މި ވަނީ ރައްދު ދީފައެވެ. ކޮވިޑްގެ ދަތި އުނދަގޫ ހާލަތުގައި ވެސް ރަށްރަށުގެ ރައްޔިތުންގެ މުހުތާދުތައް ފިލުވައިދިނުމަށް ސަރުކާރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވާ މަސައްކަތް ކޮމަންޑޫ ދާއިރާގެ ކެމްޕެއިނުން ފެނިއްޖެއެވެ. ކޮވިޑްގައި ޖެހި ލަންކާ ފަދަ ގައުމުތައް ބަންގްރޫޓްވުމާ ހަމައަށް ދިޔަ އިރު، ރައީސް ސޯލިހްގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދުވެލި އެތައް ތަނުން ކުރިއަށް ޖެހިލުމަކީ ވެސް ކާމިޔާބީއެކެވެ.

https://twitter.com/MDPSecretariat/status/1489230631955746820

މިއިން އިންތިހާބުގެ ކާމިޔާބީ ދައްކުވައިދޭ އަނެއް ހެއްކަކީ ކޯލީޝަންގެ ވެރިން ކެމްޕެއިންގައި ފޯރީގައި އުޅުއްވި ކަމެވެ. ތަފާތު ހިޔާލުތަކުގެ މީހުންނާ އެކު ވެސް މަސައްކަތްކުރެއްވުމުގައި ރައީސް ސޯލިހަކީ ވަރުގަދަ މާލިމީއެއްކަން އެ މަނިކުފާނު ވަނީ ކޮމަންޑޫ ދާއިރާގެ އިންތިހާބު ސާބިތުކޮށްދެއްވާފައެވެ. އަމިއްލަ ޕާޓީގައި ހިޔާލު ތަފާތުވުންތައް ކިތަންމެ ގިނަ ނަމަވެސް ފާޑުކިޔަންޖެހޭ ކަންކަމުގައި ފާޑުކިޔާ، ޑިމޮކްރަސީގެ ރީތި ނަމޫނާ ޕާޓީއެއްކަން އެމްޑީޕީން ވެސް ވަނީ ސާބިތުކޮށްދީފައެވެ. އިންތިހާބުގެ ތެރެއިން ވެސް ސަރުކާރުގެ ބައެއް ކަންކަމަށް އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދިޔަ ނަމަވެސް ކެމްޕެއިންގެ ފޯރިކުޑައެއް ނުވެއެވެ. މިތުރުން ހަތުރުންނަށް ވެއްޖެ ކަމަށް ބެލެވުނަސް ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހް އެކުގައި ކެމްޕެއިންގައި އުޅުއްވި މަންޒަރު ވެސް ފެނުނެވެ. މިއީ ވެސް ސަރުކާރަށް އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ވަރަށް ފުރިހަމަ ކާމިޔާބީއެކެވެ.

https://twitter.com/mdpshippe/status/1489959354233409541

ކޮމަންޑޫ ދާއިރާގެ އިންތިހާބާ އެކު ސަރުކާރުން ރަށްރަށަށް ދޭ ސަމާލުކަން ބޮޑުވުމުގެ ނަތީޖާއަކީ ބައެއް ދާއިރާތަކުގެ މެންބަރުންގެ އިސްތިއުފާ އަށް ގޮވުން ވެސް އިތުރުވެމެވެ. އެ ދާއިރާތަކުން ވެސް ކަމެއް ކުރަން ބޭނުން ނަމަ ބައި އިލެކްޝަނެއް ބާއްވަންޖެހޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔައެވެ. ނަމަވެސް އެއީ އާރުލާ ވާހަކައެއް ނޫންކަން ސާބިތުވާ ކަމަކީ އެފަދަ އެތައް މަޝްރޫއުތަކެއް ރަށްރަށުގައި ވެސް ކުރިއަށްދާ ކަމެވެ. ބައި އިލެކްޝަނެއް ނެތެއް ކަމަކު ހިންގާ މަޝްރޫއުތައް ކަމާ ބެހޭ އިދާރާތަކުން އެ ދަނީ ހާމަކުރަމުންނެވެ. އިންތިހާބެއް ނޫނީ ކެމްޕެއިނެއް ނެތީމާ ދުރުގައި ތިބޭ މީހުންނަށް އެކަންކަން ނޭނގިދާނެއެވެ. ނަމަވެސް އެ ރަށްރަށުގެ ރައްޔިތުން އެކަންކަން ބަލައިގަނެވެ. ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުން އެ ދައްކައިދިނީ އެކަމެވެ. އެ އިންތިހާބުން ދައްކުވައިދިނީ ސަރުކާރު އަދިވެސް އޮތީ ވަރަށް ވަރުގަދަކޮށް ކަމެވެ.