އަންހެނުންނަށް ހުރިހާ ދާއިރާތަކުންވެސް ފުރުޞަތު ފަހިކޮށްދިނުމަށް އިތުރަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންފި

11 ޖުލައި 2023 - 13:41

އަންހެނުންނަށް ހުރިހާ ދާއިރާތަކުންވެސް ފުރުޞަތު ފަހިކޮށްދިނުމަށް އިތުރަށް މަސައްކަތްކުރުމަށާއި، ހަމަޖެހޭ އަމާން މުޖުތަމަޢެއް ބިނާކުރުމަށް އަންހެނުންގެ ދައުރު ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުން މުޖުތަމަޢުގެ ހަމަޖެހުމާ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމަނިކުފާނު ވަނީ ޤައުމު ތަރައްޤީކުރުމުގެ މަސައްކަތުގައި މިހާރަށްވުރެވެސް އަންހެނުންގެ ދައުރު އިތުރުކުރުމަށް ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށްޓަކައި ކޮށްފައިވާ މުހިންމު ކަންކަމުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

އަދި މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެރެދެއްވި "ސްޓޭޓް އޮފް ވަރލްޑް ޕޮޕިއުލޭޝަން ރިޕޯޓް" އަދި "ބޯހިމެނުން 2022" ގެ ނަތީޖާއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ބޯހިމެނުމުން ފެނިގެންދިޔަ ނަތީޖާއިން ރާއްޖެ ތަރައްޤީ ކުރުމުގެ ކަންކަން ޕްލޭން ކުރުމުގައި އެންމެ މުހިންމު ދާއިރާތައް ދެނެގަނެވި އެދާއިރާތަކަށް އަހަންމިއްޔަތުކަން ދޭން ފަސޭހައަކަށް ވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ޖަލްސާގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވަނީ ހުރިހާކަމަކަށްވުރެ ޤައުމު އިސްކުރުމަށާއި، ޤައުމު ކުރިއެރުވުން އެންމެ މުހިންމު ކަމަކަށް ހެދުމަށް ބާރުއަޅުއްވައިފައެވެ. އަދި ޤައުމުގެ ތަރައްޤީ ހާޞިލުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ. ހަމަ އެއާއެކު އިޤްތިޞާދީ ބޮޑު ބަދަލަކަށް ވިސްނުންނެރެ، މަސައްކަތުގެ މައިދާނުގައި އުޅޭބައެއްގެ ގޮތުގައި ވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޔޫ.އެން.އެފް.ޕީ.އޭ. އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން ކުރިއަށްގެންދިޔަ "ފޮރ އެވްރީ އޭޖް" ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ. އިސްލާމީ މަރުކަޒުގެ ކޮރިޑޯގައި ކުރިއަށްގެންދިޔަ މި މައުރަޒުގައި ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ވަކިވަކި ފަރުދުންގެ ތަފާތު ވާހަކަތަކާއި ތަޖުރިބާތައް ދައްކާލާފައިވެއެވެ. އަދި މި މައުރަޒަކީ އާބާދީ މުސްކުޅިވުން ހުއްޓުވުމުގައި ލައިފް-ސައިކަލް އެޕްރޯޗާއި ޖެންޑާ ޑައިމެންޝަނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތު ކުރުމުގެ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދިޔަ މައުރަޒެކެވެ. މި މައުރަޒުގައި 10 ފޮޓޯ ދައްކާލާފައިވެއެވެ.