ކޮވިޑްގެ ހާލަތުން އަރައިގަތުމުގައި ރައީސްގެ ހިކުމަތު އަމަލީ އަށް ސާބަސް!

2 އޯގަސްޓް 2021 - 15:26

ކޮވިޑް-19ގެ ކާރިސާއަކީ އިންސާނީ ކަރާމާތަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެއް މުސީބާތެވެ. ކުޑައެއް ބޮޑެއް، އާރެއް ބާރަކަށް ބެލުމެއް ނެތި ބޮޑެތި ކުދި ގައުމުތަކުން ފެށިގެން ބޮޑެތި ގައުމުތައް ކުޑަކަކޫ މައްޗަށް ތިރިވީ އިސާހިތަކުއެވެ. އިންޑިއާ އާއި އިނގިރޭސި ވިލާތާއި، އެމެރިކާ ފަދަ އެތައް ގޮތަކުން ކުރިއަރާފައިވާ ގައުމުތައް ވެސް ހަދާނެ ގޮތް ހުސްވިއެވެ. އެ ގައުމުތަކުން އެތައް ބަޔަކު މަރުވިއެވެ. މެލޭޝިޔާ އާއި ފިލިޕީންސް ފަދަ އިރުމަތީ އޭޝިޔާގެ ގައުމުތައް އަދިވެސް ތިބީ އަލިމަގެއް ނުފެނިއެވެ. މި ކާރިސާ އިން އަރައިގަތުމުގައި މިހާތަނަށް ކާމިޔާބު ހޯދުނީ މަދު ގައުމުތަކަކަށެވެ. އެ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ކުރިމަތިވި ކޮވިޑްގެ ކާރިސާގެ ސަބަބުން ތަރައްގީގެ ދުވެލި އިންތިހާ އަށް މަޑުޖެހިގެން ދިޔަ ނަމަވެސް މި މުސީބާތުން އަރައިގަތުމުގައި ރާއްޖެ ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ މާޗް މަހު ކޮވިޑް ރާއްޖެ އަށް އައި އިރު ރާއްޖެ އޮތީ އެފަދަ ސިއްހީ ކާރިސާއަކާ ކުރިމަތިލެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އެންމެ ކުޑަމިނުން ކޮވިޑް ޓެސްޓެއް ހެދޭނެ ގޮތެއް ނެތެވެ. އެހެންކަމުން ފުރަތަމަ ސާމްޕަލްތައް ފޮނުވީ ވެސް އަވަށްޓެރި އިންޑިއާ އަށެވެ. ނަމަވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ވަނީ ކޮވިޑުން އަރައިގަތުމުގެ ރޭހުގައި ވާދަވެރި އެހެން ގައުމުތައް ފަހަތަށް ޖައްސާލާފައެވެ.

މީގެ އަހަރެއް ކުރިން ކޮވިޑް ޓެސްޓްކުރެވޭނެ ގޮތެއް ނެތިފައި ތިބެ މި ކާރިސާއާ ކުރިމަތިލި ނަމަވެސް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮވިޑްގެ ޓެސްޓްތައް ހެދެއެވެ. އާންމު ގޮތެއްގައި 24 ގަޑިއިރުގެ ތެރޭގައި ނަތީޖާ ވެސް ލިބޭނެ މަގު މިއަދު ވަނީ ތަނަވަސްކޮށްފައެވެ. މީގެ އިތުރުން ކޮވިޑަށް ފަރުވާ ދިނުމަށް ހާއްސަ ފެސިލިޓީތައް ވަނީ ގާއިމުކުރެވިފައެވެ. މީގެ ކުރިން މާލެ އާއި ރަށްރަށުން ނުލިބޭނެ އެތައް ސިއްހީ ފަރުވާއެއް މިއަދު އެބަ ލިބެއެވެ. ކޮވިޑާ ގުޅިގެން ރާއްޖެ އަށް ހޯދުނު އެންމެ ބޮޑު ކުރިއެރުމަކީ ވެސް ސިއްހީ ދާއިރާ އިން ހޯދުނު ކުރިއެރުމެވެ. މީގެ ކުރިން ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ނެތް އެތައް ވަސީލަތްތަކެއް މިއަދު ވަނީ ގާއިމުކުރެވިަފއެވެ. ވެންޓިލޭޓަރާއި އޮކްސިޖަން މެޝިނާއި އެ ނޫން ވެސް އެތައް އާލާތްތަކެއް މިއަދު ވަނީ ލިބިފައެވެ. މި ކަމުގައި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކާއި ރޭވުންތެރިކަން އެކަމުން ވެސް ސާބިތުވެއެވެ.

އޭޕްރީލް އަދި މޭ މަހުގެ ތެރޭގައި ކުރިމަތިވި ކޮވިޑްގެ ތިން ވަނަ ރާޅުގައި ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދާނެ ކަމަށް އަންދާޒާކުރެވުނު ނަމަވެސް އެ ހާލަތުން އަރައިގަތުމުގައި ވެސް ސަރުކާރުން ވަނީ ކާމިޔާބު ހޯދާފައެވެ. އާބާދީގެ ނިސްބަތުން ކޮވިޑް ބަލީގައި ގިނަ ބަޔަކު މަރުވި ކަމަށް ބުނެވިދާނެއެވެ. ނަމަވެސް އަވަށްޓެރި ގައުމުތަކާއި އަދި އެމެރިކާ ފަދަ ވަސީލަތްތަކުގެ ގޮތުން ރާއްޖެއާ ނުބައްދަލު ބިޔަ ގައުމުތަކުން ކޮވިޑްގެ ހާލަތު މެނޭޖްކުރި ގޮތަށް ބަލާއިރު ރައީސް ސޯލިހާއި އެ މަނިކުފާނުގެ ސަރުކާރުން ކޮވިޑްގެ ހާލާތު މެނޭޖްކުރި ގޮތް ހާސް ބައި ރަނގަޅެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ އޭރު 200 އަށް ވުރެ ގިނަ އެނދުގެ ހުޅުމާލެ ކޮވިޑް ފެސިލިޓީ ފުރި ބާރުވެފައި އޮތް ނަމަވެސް މިއަދު އެ ތަނުގައި ފަރުވާ ދޭން އެއްވެސް މީހަކު ނެތުމެވެ.

ރާއްޖޭގެ އިގްތިސާދުގެ އާރުކާޓީއަކީ ޓުއަރިޒަމް ކަމަށް ވިޔަސް ކޮވިޑްގެ ހާލަތުގައި ބޯޑަރު ބަންދުކޮށް ސަރުކާރުން ރިސްކު ނެގިއެވެ. ހަމައެއާ އެކު އޭގެ ސަބަބުން އިގްތިސާދަށް ކުރިމަތިވާނެ ގެއްލުންތައް ކުޑަކުރުމަށް ވެސް ސަރުކާރުން ފިޔަވަޅުތައް އެޅިއެވެ. އާންމު މީހާގެ އިތުރުން ވިޔަފާރިތަކަށް ވެސް ސަބްސިޑީތައް ތައާރަފްކޮށް ސްޓިމިއުލޭޓްކުރި އެވެ. ވިޔަފާރިތައް އަލުން ހިންގައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނެވެ. އާމްދަނީ ބަންދުވެ، ގޮތް ހުސްވެފައިވާ އެ ދަނޑިވަޅުގައި އެކަން ކާމިޔާބުވީ ބޭރުގެ ހެޔޮ އެދޭ އެތައް ބައެއްގެ އެހީތެރިކަމާ އެކުގައެވެ. އެ މަގު ތަނަވަސްކުރުމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުރުން ޚުދު ރައީސް އަމިއްލަފުޅަށް ވެސް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެ ގޮތުން އެތައް މިލިއަން ޑޮރަލެއްގެ އެހީ ރާއްޖެ އަށް ލިބިފައި ވެއެވެ.

އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އެޅި އިރު ރައީސް ސޯލިހް އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ ކޮވިޑްގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ދިޔަ ނުދީ އަދި ހާލަތު ގޯސްވިޔަ ނުދިނުމެވެ. އެކަމަށް އެންމެ ބޮޑު އެހީއަކަށް ވެގެންދިޔައީ ކޮވިޑުން ރައްކާތެރިވުމަށް ދުނިޔޭގެ އެކި ގައުމުތަކުން އުފެއްދި ވެކްސިން މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެ އަށް ލިބޭނެ މަގު ފަހިކުރެއްވުމެވެ. ރާއްޖެއާ އަޅާ ބަލާއިރު އެތައް ގޮތަކުން މުއްސަނދި އަދި ނުފޫޒު ގަދަ އެތައް ގައުމުތަކެއް ކިޔުގައި ތިއްބައި ރާއްޖެ ވަނީ ވެކްސިން ހޯދުމުގައި ކާމިޔާބު ހޯދާފައެވެ. އެތައް ގައުމަކުން ކޮޅުކޮޅަށް ދުވެ ދުވެ ތިއްބައި ރާއްޖެއިން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެކްސިން ޖަހަން ފަށައިފިއެވެ. ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭ ގޮތަށް މިހާތަނަށް އާބާދީގެ 70 ޕަސެންޓް މީހުން ވަނީ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

ވެކްސިން ޖެހުމުގައި ގައުމުތައް ފަހަތަށް ޖައްސާލި އިރު ރައީސް ސޯލިހުގެ ލަފާފުޅުގެ މަތިން ސަރުކާރުން ކުރި މަސައްކަތުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ދިވެހިން ހިމެނޭ ގޮތަށް މުޅި އާބާދީ އަށް ބޭނުންވާ ވަރަށް ރާއްޖެއިން ވެކްސިން ހޯދާފައި ވުމެވެ. ވެކްސިން ޖެހުމުގައި ވެސް މިހާތަނަށް ކާމިޔާބީތައް ހޯދާފައިވާ އިރު ދެން އޮތީ ރާއްޖޭގެ މުޅި އާބާދީ އަށް ވެކްސިން ޖެހުމެވެ. ރައީސް ސޯލިހާއި ސަރުކާރުގެ އަމާޒު ހުރި ގޮތަށް ބަލާއިރު ދާދި އަވަހަށް އެ ލަނޑުދަނޑި ވެސް ހާސިލްވާނެ ކަމަށް ބެލެވެއެވެ. އެކަން ކާމިޔާބުކުރުމަށް ސަރުކާރުން މިހާރު ގެންދަނީ ސިޔާސަތުތަކެއް އެކުލަވާލަމުންނެވެ. އެ ގޮތުން ސްކޫލްތަކާއި ކަނޑައެޅޭ ބައެއް ތަންތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ނޫނީ ނުވަދެވޭ ގޮތަށް މިހާރު ވެސް ހަމަޖައްސާފައިވާ އިރު ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ނޫނީ ސިނަމާތަކާއި ޕާކްތަކާއި އެ ނޫން ވެސް ގިނަ މީހުން އެއްވާ ތަންތަނާއި ސަރުކާރުގެ އޮފީސްތައް ފަދަ ތަންތަނަށް ނުވަދެވޭ ގޮތް ހެދުން ފަދަ ކަންކަން ކުރެއްވިގެންދާނެ ކަމަށް ބެލެވެއެވެ. އެ ގޮތަށް ކަނޑައެޅިއްޖެ ނަމަ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 99.9 ޕަސެންޓަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ބެލެވެއެވެ.

ތަރައްގީގެ މަޝްރޫއުތައް ކޮންމެ ވެސް ވަރަކަށް މަޑުޖެހުމާ ގުޅިގެން ރައީސް ސޯލިހްގެ ހިންގުންތެރިކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ނަމަވެސް ސިއްހީ ކާރިސާއެއްގެ މިފަދަ ދަނޑިވަޅުގައި ތަރައްގީ އަށް ވުރެ ރައީސް ސޯލިހް އިސްކަން ދެއްވަނީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރަން ހުރި މަސައްކަތްތަކަށެވެ. ތަރައްގީގެ މަޝްރޫއުތައް ވެސް ހިންގެން އޮތީ ރައްޔިތުންގެ ސިއްހަތު ސަލާމަތް ވެގެންނެވެ. ކޮވިޑްގެ ހާލަތުން އަރައިގަތުމުގަ އާއި ވެކްސިން ހޯދުމުގައި ސަރުކާރުން ހޯދި ކާމިޔާބީ އަށް ފަހު ދެން އޮތީ ތަރައްގީގެ ދުވެލި ބާރުކޮށްލުމެވެ. ސަރުކާރުގެ މިސްރާބު މިހާރު ހުރީ ބާކީ މިއޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަމުގައި ވެސް ކާމިޔާބު ހޯދުމަށެވެ. ކޮވިޑް މެނޭޖްކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ތަރައްގީގެ މަގުގައި ވެސް މިސަރުކާރަށް ކާމިޔާބު ހޯދިދާނެކަން ސާބިތުކޮށްދެއްވާފައެވެ.