ނެޓުގެ އަގަށް އައި ހެޔޮ ބަދަލު: ސަރުކާރުން ހޯދި ބޮޑު ކާމިޔާބީއެއް!

4 ޖުލައި 2021 - 3:48

ޒަމާނަށް އައި ބަދަލާ އެކު އިންޓެންޓް ވެފައި ވަނީ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމުގެ ބައިވެރިއަކަށެވެ. ހާއްސަކޮށް ކޮވިޑް19ގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާ އެކު އިންޓަނެޓަކީ އެއާ ނުލައި ދިރިއުޅެން ދަތި އެއްޗަކަށް މި ވަނީ ވެފައެވެ. އޮފީހަކުން ހިދުމަތެއް ހޯދަން ވިޔަސް، ފިހާރައަކުން އެއްޗެއް ގަންނަން ވިޔަސް އަދި ފައިސާގެ މުއާމަލާތްތަކާއި ބޭންކިންގްގައި ވެސް އިންޓަނެޓްގެ މުހިންމުކަން ބޮޑެވެ. ދަރިވަރުންގެ ކިޔެވުމާއި އޮފީސް ބައްދަލުވުންތައް ވެސް މިހާރު ކުރިއަށް ދަނީ އިންޓަނެޓްގެ ޒަރިއްޔާއިންނެވެ. ފާއިތުވި ދުވަސްތަކުގައި ވަރިކައިވެނި ވެސް ކުރިއަށް ދިޔައީ އިންޓަނެޓް މެދުވެރިކޮށެވެ. ބޮޑެތި ޝަރީއަތްތައް ވެސް ދިޔައީ އޭގެ ތެރެއިންނެވެ.

މިހުރިހާ ކަމަކަށް އިންޓަނެޓަށް ބަރޯސާވާންޖެހިފައިވާ އިރު އެ ހިދުމަތާ މެދު ޝަކުވާކުރާތައް އެތައް އަހަރެކެވެ. އަގު ބޮޑުވުމުގެ ޝަކުވާއެވެ. އެކަށީގެންވާ ވަރުގެ ހިދުމަތެއް ނުލިބުމުގެ ޝަކުވާއެވެ. ބޮޑު އަގުގައި ގަންނަ "ޖީބީކޮޅު" އަވަހަށް ހުސްވެ، "ގުޑާނުލާ" ކަމުގެ ޝަކުވާއެވެ. އެލަވަންސް ހުސްވުމުން ސްޕީޑް ދަށްކޮށްލުމުން ދަރިވަރަށް ފިލާވަޅު ނުލިބޭކަމުގެ ޝަކުވާއެވެ. ކައިވެނި ހަފުލާގެ މެދުތެރެއިން ގާޒީގެ އަޑު ކެނޑި ކައިވެނީގެ ވަލީމާ ހުއްޓުން އަރާކަމުގެ ޝަކުވާއެވެ. ލޮކްޑައުންގައި ގެއިން ބޭރަށް ނުނިކުމެވި ތިއްބައި "ޖީބީކޮޅު" ހުސްވެ، ބޭންކް އެޕް ލޯޑް ނުވެ، އޯޑަރުކުރި ތަކެއްޗަށް ފައިސާ ނުދެއްކޭ ކަމުގެ ޝަކުވާއެވެ. މިހެން ގޮސް އެތައް ކަމެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ އިންޓަނެޓަކީ އަތްފޯރާ ފަށުގައި ލިބޭ ފެންވަރު ރަނގަޅު ހިދުމަތަކަށް ހެއްދެވުމުގެ ވައުދާ އެކީގައެވެ. ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ މިއީ ވަރަށް އަވަހަށް ފުއްދަވާނެ ވައުދެއް ކަމަށެވެ. ނަމަވެސް މަޝްވަރާތައް ދިގުލައިގެން ގޮސްފައި ވަނިކޮށް 2019 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކޮވިޑްގެ ހާލަތާ އެކު ކުރިމަތިވި ދަތިތަކާ އެކު އިންޓަނެޓްގެ މުހިންމުކަމާއި އޭގެ އަގު ހެޔޮވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވާންޖެހޭ ކަމަށް ގޮވާލާ ގޮވާލުންތަކުގެ އަޑު ދިޔައީ ގަދަވަމުންނެވެ. ސަރުކާރަށް ދިޔައީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އެކަމަށްޓަކައި ޚިދުމަތް ދޭ ކުންފުނިތަކާ އެކު ކުރަމުންދިޔަ މަޝްވަރާތައް ދިގުލައި ގޮސް، ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު ވެސް އަލިމަގެއް ނުފެނުމުން އެންމެ ފަހުން ކުރިމަތިވި ފިއްތުންތަކުގައި އޭރު ވަޒީރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވެސް ދުރުކުރަން ޖެހުނެވެ.

މަލީހް މަގާމުން ދުރުކުރި އިރު ވެސް ސަރުކާރުން އައީ އިންޓެނެޓްގެ އަގު ހެޔޮކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިއީ ފަސޭހަ ކަމެއް ނޫންކަން ސަރުކާރަށް ވެސް އެނގެއެވެ. އެހެންކަމުން ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ސަރުކާރުން ވަނީ މި އަހަރުގެ ތެރޭގައި އިތުރު ކުންފުންޏަކަށް ލައިސަންސް ދިނުމަށް ވެސް ރޭވިއެވެ. އިންޓެނެޓް އަގުހެޔޮކުރުމުގެ މަޝްވަރާތަކުގައި އެކަންވީ ސަރުކާރުން ބޭނުންކުރި ވަރަށް މުހިންމު ހަތިޔާރަކަށެވެ. މެދުމިނުގެ ހައްލަކަށް އައިސް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތަށް މިހާރު ވަނީ އިންގިލާބީ ބަދަލެއް އައިސްފައެވެ.

އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ ތިން ކުންފުނިން ވެސް ވަނީ ސަރުކާރުން ކަނޑައަޅާފައިވާ މިނިމަން ޕެކޭޖްތަކުގެ ތެރެއިން އެ ކުންފުނިތަކުގެ ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ހިދުމަތް ދޭވެނެ އަގުތަކާއި ސްޕީޑް ދަށްކުރެވޭނެ މިންވަރު މިދިޔަ މަހުގެ ތެރޭގައި ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. އެ ގޮތުން ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް 5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ، 15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ، 25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 700ރ. އަށް 200 ޖީބީ ލިބެންޖެހޭނެ ކަމަށް ސަރުކާރުން ވަނީ ކުންފުނިތަކަށް ޝަރުތުކޮށްފައެވެ. އަދި އިންޓަނެޓްގެ އެންމެ ދަށް ސްޕީޑަކީ 2އެމްބީޕީއެސް ކަމަށް ވެސް ކަނޑައަޅާފައި ވެއެވެ.

އިންޓަނެޓްގެ ހިދުމަތް ދޭ ދިރާގާއި އުރީދޫ އިން ވަނީ އެ ކުންފުނީގެ ޕެކޭޖްތަކާއި ސްޕީޑަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައެވެ. އަދި އާރުއޯއެލް އިން ވަނީ އެ ކުންފުނީގެ އާ ޕެކޭޖްތައް އިއުލާންކޮށް މި މަހުގެ ތެރޭގައި އެ ބަދަލުތައް ގެންނާނެކަން ބުނެފައެވެ.

ކުންފުނިތަކުން އިއުލާންކުރި އާ ޕެކޭޖްތަކާ އެކު ގިނަ ބަޔަކު ދަނީ އުފާފާޅުކުރަމުންނެވެ. އެކަމަށްޓަކައި ބައެއް ފަރާތްތަކުން ސަރުކާރަށް ޝުކުރު އަދާކުރަމުންދާއިރު އެއްބަޔަކަށް އަދިވެސް މި ބަދަލު ގަބޫލުކުރަން ވަނީ ދަތި ކަމަށެވެ. އެ ގޮތުން މިއީ ހަމައެކަނި ނަމެއްގައި ކުރި ކަމެއް ކަމަށް ދެކޭ ބަޔަކު ވެސް އެބަ ތިއްބެވެ. އަދި މިއީ ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށާއި އެއްބަސްވި ގޮތަށް ހިދުމަތް ދޭނެތޯ ބައެއް ފަރާތްތަކުން ސުވާލު ވެސް ކޮށްފައި ވެއެވެ.

އެހެން ކަމުން ދެން އޮތީ އެއްބަސްވީ ގޮތަށް ކުންފުނިތަކުން ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭތޯ ބެލުމެވެ. އިންޓަނެޓްގެ ހިދުމަތަށް ދައުލަތުން ފާރަވެރިވާ އިދާރާ ކަމަށްވާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފައި ވަނީ އެ އިދާރާ އިން އެކަން ބަލަމުން ގެންދާނެ ކަމަށެވެ. އަދި އެއްބަސްވި ގޮތަށް ހިދުމަތް ނުދޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ވެއެވެ.

އިންޓަނެޓަށް އައި ބަދަލުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. ހާއްސަކޮށް މަސައްކަތުގެ މާހައުލާއި ވިޔަފާރި އާއި އެ ނޫން ވެސް އެތައް ކަމަކަށް މީގެ ފައިދާކުރާނެއެވެ. ކޮވިޑް19އާ އެކީގައި ގިނަ ކަންތައްތަކެއް ބަދަލުވެފައިވާ އިރު އިންޓަނެޓް މެދުވެރިކޮށް ހަރަދު ކުޑަ ގޮތަކަށް ބޮޑެތި ވިޔަފާރިތަކާއި އޮފީސްތައް ހިންގިދާނެކަން ވަނީ ސާބިތުވެފައެވެ. މިހާތަނާ ޖެހެންދެން އެ ފަރާތްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހެޔޮ އަގެއްގައި ރަނގަޅު ސްޕީޑެއްގައި އިންޓަނެޓް ނުލިބުމެވެ. ނަމަވެސް ސަރުކާރުގެ މަސައްކަތުން މި މަހުން ފެށިގެން ގެނައި ބަދަލާ އެކު މި ކަމަށް އެކަށީގެންވާ ހައްލެއް ލިބޭނެ އެވެ.

"ހަގީގަތުގައި ކޮވިޑް19 ވަރަށް ގިނަ ކަންކަން ދަށްކޮށްދީފި. ކޮންމެހެން ބޮޑު އޮފީހެއް ބޭނުން ނުވާ ކަމާއި ގޭގައި ތިބެގެން ވެސް އުފެއްދުންތެރި މަސައްކަތްތައް ކުރެވިދާނެކަން އެނގިގެން ހިނގައްޖެ. ބޮޑެތި ވިޔަފާރިތައް ގޭގެ ސިޓިން ރޫމުން ނިންމާލެވޭނެކަން އެނގިއްޖެ. މަތީ ފާސްތަކާއި ސަނަދުތައް ގޭގައި އިނދެގެން ވެސް ހޯދިދާނެކަން ސާބިތުވެއްޖެ. ނަމަވެސް ހުރިހާ ކަމަކަށް އޮތް އެންމެ ބޮޑު ހުރަހަކީ އިންޓަނެޓްގެ ބޮޑު އަގާއި އޭގެ ސްޕީޑް. މި ބަދަލުން އެކަންކަމަށް ހައްލު ލިބި ވަރަށް ހެޔޮ ބަދަލެއް އަންނާނެ،" އަމިއްލަ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ހަރަދު ކުޑަ ގޮތްތައް ހޯދަންޖެހިފައިވާ އިރު މަދު ބަޔަކު ބޭނުންކޮށްގެން އަދި ހަރަދު ކުޑަ ގޮތަކަށް ވިޔަފާރި ހިންގުމަށް މަގުފަހިވެފައިވާ ކަމަށެވެ. އެ ގޮތުން ކުރިން ތިން ތަނެއްގައި އޮފީސް ހަދައިގެން ިދުމަތް ދިން ނަމަވެސް މިހާރު ހަމަ އެ ހިދުމަތްތައް އެއް އޮފީހަކުން ވެސް ދެވޭކަން އެނގިއްޖެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"ގޭގައި ތިބެގެން ހަރަދު ކުޑަކޮށް މިކަން އެބަ ކުރެވޭ. އަދި ޓާސްކް ހަވާލުކޮށްގެން ކުރިއަށް ގެންދިޔައީމާ ޕްރޮޑަކްޓިވިޓީ ވެސް މާ ރަނގަޅު. އޮފީސް ސްޕޭސް ސަލާމަތް ކުރެވޭ. ކުރިން ވިސްނައިގެން ހުރީ ހާލާތު ބަދަލުވުމުން ގޭގައި މަސައްކަތްކުރަމުން އައި މުވައްޒަފުން އޮފީހަށް ނެރެން. ނަމަވެސް އޭގެ ބޭނުމެއް ނެތްކަން މިހާރު ވިސްނިއްޖެ. ގޭގައި ތިބެގެން ވެސް ހަވާލުކުރާ މަސައްކަތް ނިންމޭ. މިހާރު ނުވިސްނަން އެހާ ބޮޑަށް އޮފީހަކާ މެދު،" ޓުއަރިޒަމް ދާއިރާއާ ގުޅުން ހުރި ވިޔަފާރިތައް ކުރަމުން އަންނަ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޓަނެޓަކީ މިކަމުގެ ވަރަށް ބޮޑު ބައިވެރިއެއް ކަމަށެވެ. އިންޓަނެޓްގެ އަގު ހެޔޮވުމަކީ ވަރަށް ބޮޑު ލުޔެއް ކަމަށާއި ސަރުކާރުގެ މަސައްކަތުން މި ގެނައި ބަދަލުގެ ސަބަބުން ހަރަދުތައް ކުޑަވެގެން ދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

އިންޓަނެޓްގެ އަގު ހެޔޮވުމާއި ސްޕީޑަށް ގެނެވުނު ބަދަލުގެ ސަބަބުން ފައިދާކުރަނީ ހަމައެކަނި ވިޔަފާރިތަކާއި ސަރުކާރު އޮފީސްތަކަށް އެކަންޏެއް ނޫނެވެ. ތައުލީމީ ދާއިރާ އަށް ވެސް މީގެ ސަބަބުން އިންގިލާބީ ބަދަލެއް އަންނާނެ އެވެ. އެ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެފައި ވަނީ ދަރިވަރުންގެ އޮންލައިން ކްލާސްތަކަށް ބުރޫއެރުން ހުއްޓި ދަރިވަރުންނާއި ޓީޗަރުންނާ ދެމެދު ރަނގަޅަށް މުއާމަލާތްކުރެވި ހެޔޮ ބަދަލެއް ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތަށް މި މަހުން ފެށިގެން ބަދަލު ގެނެސްފައިވާ އިރު މޯބައިލް އިންޓަނެޓްގެ ހިދުމަތަށް އަންނަ އޮކްޓޫބަރު މަހުން ފެށިގެން ހެޔޮ ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މީގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ކުރާނެއެވެ. އޭގެ ތެރޭގައި އޮންލައިން ވިޔަފާރިތައް ފުޅާވުމާއި އޮންލައިން މެދުވެރިކޮށް ދޭ ހިދުމަތްތައް އިތުރުވުމަށް މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން މަރުކަޒީ ގޮތުން މާލެ އަށް ޖަމާވެފައިވާ ޚިދުމަތްތައް އޮންލައިން މެދުވެރިކޮށް ރަށްތަކަށް ފޯރުކޮށްދިނުމަށް ވެސް މިކަމުން މަގުފަހިވާނެއެވެ. ދެން އޮތީ މި ބަދަލު ހެޔޮގޮތުގައި ބޭނުން ހިފުމެވެ. ސަރުކާރުން ދޭ ހިދުމަތްތައް ވީހާ ވެސް ބޮޑަށް އޮންލައިންކޮށް ފޯރުކޮށްދެވޭނެ މަގު ތަނަވަސްކުރުމާއި އެއް ވިއުގައެއްގެ ތެރެއިން ކަންކަން ކުރެވޭނެ ގޮތަށް ހިދުމަތްތައް ބައްޓަންކުރުމެވެ. މީހާ ހުންނަ ތަނުގެ ސަބަބުން ހިދުމަތްތަކުން މަހްރޫމް ނުވާނެ ގޮތަކަށް ކަންކަން ރާވައި އިންތިޒާމުކުރުމެވެ. މި ކަމުގައި ކުރަންޖެހޭ މަސައްކަތްތައް އަދި ވަރަށް ގިނައެވެ. އިންޓަނެޓްގެ އަގު ހެޔޮވެ ސްޕީޑް ރަނގަޅުވުމަކީ ފެށުމެކެވެ. މިއީ ސަރުކާރަށް ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.