ވެކްސިނަކީ ސިޔާސީ ވެރިންގެ ހަތިޔާރެއްނޫން!

1 ފެބުރުއަރީ 2021 - 13:04

އަވަށްޓެރި އިންޑިޔާއިން ދިވެހިންނަށް 100،000 ޑޯޒުގެ ކޮވިޑް ވެކްސިން ހަދިޔާކުރުމުގެ ޚަބަރާއެކު މުޅި މަސްރަޙު މިވަނީ އަނެއްކާވެސް ސިޔާސަވެފައެވެ. އަދުގެ ދިވެހިން ސިޔާސަކޮށްފައި ނުކުރާނީ ފަހެ ކޮންކަމެއްތޯއެވެ؟ ތެދެކެވެ. އަދުގެ ސަރުކާރުގައި އިންޑިޔާއަކީ ގާތް މަދަދުގާރެކެވެ. އެކި މީހުންނަށް އެބަޔަކު ގާތްކޮށް އުޅޭނެ ނުވަތަ ރުހޭ ރައްޓެހިން ނިންމުމުގެ އިޚްތިޔާރު އޮންނަންވާނެ ނޫންތޯއެވެ؟ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަކީ ތިޔަ ބޭފުޅަކީ އެންމެ ގާތް އެކުވެރިޔާއަށްވުން މަޖުބޫރުނަމަ، މިއީ ކޮންފަދަ ނާތަހުޒީބު ވިސްނުމެއްތޯއެވެ؟

ދަންނަވަން މިއުޅޭ ވާހަކައަކީ، ސިޔާސަ ނުކުރެވޭނެ ކަންކަމާއި ސިޔާސަ ކުރަން ހެޔޮނުވާނެ އެތައްކަމެއް ދުނިޔޭގައި އެބަހިނގާކަމެވެ.

2020 ވަނަ އަހަރު މުޅި ދުނިޔޭގެ އިޤްތިޞާދު ފުނޑުފުނޑުކޮށް، މުޅި ދުނިޔޭގެ ހުރިހާ ރައްޔިތުން ގެތަކަށް ވަދެ މައިތިރިވުމަށް މަޖުބޫރުކޮށްލި ކުޑަކުޑަ ކޮވިޑް ޖަރާސީމުން ރައްކާތެރިވުމަށް ކެނޑިނޭޅި ސައިންސްވެރިން ކުރި ބުރަމަސައްކަތުގެ ނަތީޖާ، ކޮންމެވެސް ވަރަކަށް މިވަނީ ކާމިޔާބުވެފައެވެ. ދުނިޔޭގައި ދެތިން ހަތަރު ވެކްސިނެއް އީޖާދީ މަރުހަލާއަކުން ފާސްވެ، އިންސާނުން މިވަނީ ބޭނުންކުރަން ފަށާފައެވެ.

މުއްސަނދި ފުދުންތެރި އިޤްތިޞާދުތަކުން ނިކަމެތި ޤައުމުތަކަށް މިވެކްސިން ގެ އެތައް ޑޯޒެއް ވަނީ ހަދިޔާކުރަން ފަށާފައެވެ. އިންސާނިއްޔަތަށްޓަކަށެވެ. މުޅި އިންސާނީ ދަރިފަސްކޮޅުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. މިފަދަ ވަބާއަކުން ސަލާމަތްވެ ރައްކާތެރިވެވެން އޮތީ ހަމަ އެއްމެ ރައްޔިތަކުވެސް ބާކީނުކޮށް، މުޅި ދުނިޔޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދެވިގެންކަން، މިއީ ދެބަސްވެވެންނެތް ހަޤީޤަތެކެވެ.

މިދެންނެވި އުޞޫލުން އަދި ދުނިޔަވީ ހަމަތަކުން، ފުދުންތެރި ރަހުމަތްތެރިން އެކަކު އަނެކާއަށް އެހީތެރިވާ އުޞޫލުން، އިންޑިޔާއިން މިވަނީ އެތައް ޤައުމަކަށް ވެކްސިން ހިލޭ ފޯރުކޮށްދީފައެވެ. އިންޑިޔާ ނޫނަސް އެހެން ފުދުންތެރި ޤައުމުތަކުން އެކި ޤައުމުތަކަށް މިވަނީ ވެކްސިން ހަދިޔާކުރަން ފަށާފައެވެ. ކަމެއްދަމެއް ބޮޑުވެ، ހާލުގައި ޖެހޭ ދަނޑިވަޅެއްގައި އެކަކުއަނެކާއަށް އެހީތެރިވާ އުޞޫލުންނެވެ.

މީގެ އަހަރުތަކެއް ކުރީން އެމްޑަބްލިޔުއެސްސީ ގައި ހިނގި ހާދިޘާގައި މުޅި މާލެ ފެނަށް ޖެހުނު ދުވަހު، ހުރިހާ އެކުވެރި ދައުލަތްތަކުން ދިވެހިންނަށް ހަދިޔާކުރީ ފެނާއި އަދި ފެން އުފައްދާ ނުވަތަ ރައްކާކުރާނެ ތަކެއްޗެކެވެ. ކޮވިޑް ގެ ވަބާ ފެތުރިގެން އައި ދަނޑިވަޅުގައި އޮތީ މާސްކާއި ސެނިޓައިޒަރ އަދި ހަޒްމަތުސޫޓް ފަދަ ތަކެތި ހަދިޔާކުރުމެވެ. އެއީ އެދުވަހުގެ ހާލަތެވެ. މިއަދު ހަދިޔާއަކަށް މި ދިއްކޮލަނީ ވެކްސިންގެ ޑޯޒެކެވެ. އިންސާނިއްޔަތަށްޓަކައެވެ. ތިމާއާ ތިމާ ވަށައިގެން ދިރިއުޅޭ އެންމެހާ އިންސާނުންގެ ހައްޤުގައެވެ. ދުނިޔޭގެ އިންސާނީ ނަސްލުގެ ރައްކާތެރިކަމަށްޓަކައެވެ.

ދެންފަހެ މިކަމުގައި އޮތީ ކޮން ސިޔާސީ މަންފާއެއް ނުވަތަ ބޭނުމެއްތޯއެވެ؟ މިވެކްސިނަކީ އިންޑިޔާއިން ބޭނުންހާ ގޮތަކަށް ގަޑުބަޑުކޮށް، ބިރިޔާނި މަސާލާ ނުވަތަ ތަންތޫރީ ގެ ރަހަތަކާއި ކުލަތައް އެކުލަވާލައިގެން، އެބަޔަކު ބޭނުންހާ ގޮތަކަށް އުފައްދާފައިވާ އެއްޗަކީތޯއެވެ؟ ނުވަތަ މިވެކްސިނަކީ ސޯޝަލްމީޑިޔާގެ މަޝްހޫރު ޕްލެޓްފޯމް، 'ޓިކްޓޮކް' ގައި ގިނަ ބަޔަކު އެދައްކާފަދަ ޒަވިގޮތްތަކެއް ހަށިގަނޑަށް ގެނުވާ އެއްޗަކީތޯއެވެ؟ ބައެއް ދިވެހިންގެ ނުވަތަ ހަމަ ސީދަލަށް ދަންނަވާކަމަށްވަންޏާ، އަދުގެ ސަރުކާރާމެދު ހިތްހަމަނުޖެހޭ ބައެއް ފަރާތްތަކުން އިންޑިޔާއިން ހަދިޔާކުރި ވެކްސިނާ ބެހޭގޮތުން އެދައްކާ ވާހަކަ އަޑުއިވުނީމާ އަންނަނީ އަމަށަކު ހިންޏެއްނޫނެވެ. ތަހުޒީބުވެފައި ތިބީ ހަމައެކަނި އަތުގައި އޮންނަ ފޯނާއި ލޮލުގައި އޮންނަ އަވިއައިނެވެ. ތިމާގެ އަމިއްލަ ވިސްނުމާއި ބުއްދި މިވަނީ އެންމެ ނާތަހުޒީބު ނުވަތަ އަމިއްލަ އިޚްތިޔާރުގައި ހެޔޮވިސްނުމެއް ނުވިސްނޭހާ ދަށުދަރަޖައަކަށް ވެއްޓިފައެވެ. މިއީ ކޮންފަދަ ދެރަ ނިކަމެތިކަމެއްތޯއެވެ؟

އިންޑިޔާއިން އެކި ބާވަތްތަކުގެ ބޭހާއި ކާބޯތަކެތި ދިވެހިން އެތެރެކޮށް ބޭނުންކުރާތާ ޤަރުނަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މިއަދުގެ މިވަގުތާހަމައަށްވެސް އެންމެ ގިނަ ދިވެހިން މިހާތަނަށް ޤައުމުން ބޭރުން ޞިއްޙީ ޚިދުމަތް ހޯދީ އިންޑިޔާގެ އެކި ހޮސްޕިޓަލްތަކުންނެވެ. އެއްވެސް މައްސަލައެއް، އެއްވެސް އުނދަގުލެއް ކުރިމައްޗެއްނުވެއެވެ. އެހެންކަމަށްވަންޏާ އިންޑިޔާ މިހަދިޔާކުރި ވެކްސިންގެ ސަބަބުން ކުރިމަތިވަނީ ކޮންކަމެއްތޯއެވެ؟ މިވެކްސިން ޖަހާމީހަކު ހިންދޫއަކަށް ބަދަލުވަނީތޯއެވެ؟ ނުވަތަ ހިންދީ ނުވަތަ މަލަޔާޅަމް ބަހުން ވާހަކަ ދައްކަންޖެހެނީތޯއެވެ؟ މިކަހަލަ މިޒާތުގެ ދެއުޅިއެއްނުވާ ކިތަންމެ ސިޔާސަ ވާހަކައެއް މިވެކްސިނާ ގުޅުވައިގެން މިވަނީ ދައްކަން ފަށާފައެވެ.