ގުޅީފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު ފަށައިފި

3 ޖުލައި 2023 - 14:47

ކ. ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

ގުޅިފަޅުގައި 2 ޖުލައި 2023 ވަނަ ދުވަހުގެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ގުޅީފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ ސަރުކާރުގެ ގިނަ ސިޔާސަތުތަކަކާއި ގުޅިފައިވާ މުހިއްމު މަޝްރޫއެކެވެ. މިވަގުތު ކުރިއަށްދާ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށްވެސް ނިންމާފައިވާ އެއް ސަރަހައްދަކީ ގުޅީފަޅު ސަރަހައްދެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާ އެވެ. ގުޅީފަޅުގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކާފައިވަނީވެސް އެކުންފުނިންނެވެ. ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގައި ގުޅީފަޅު ހިމެނޭ ސަރަހައްދުން 192 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފަ އެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާކަމަށް ސަރުކާރުންވަނީ މީގެކުރިން ހާމަކުރައްވާފަ އެވެ.

ގުޅީފަޅު ހިއްކުމަށް ކުރިއަށްގެންދާ މަސައްކަތުގައި، ގުޅީފަޅު ފަޅުން، 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި އެޅުމަށްވަނީ ހަމަޖެހިފަ އެވެ. އަދި ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފަ އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާ ބިން ހާއްސަކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އިތުރުން، މާލޭގައި ހިންގަމުންދާ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރުގެ ހިދުމަތް ގުޅީފަޅަށް ބަދަލުކޮށް ސަރަހައްދީ ބަނދަރެއް ތަރައްޤީކުރުމަށެވެ.ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު ހިއްކައިގެންނެވެ. ސަރުކާރުންވަނީ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާއްމުކުރައްވާފަ އެވެ.