ސަރުކާރު އޮތީ ހަރުކަށި ފިކުރަށް ދޫދޭ ގޮތަކަށް ނޫން!

12 މެއި 2021 - 10:16

މުޅި ރާއްޖެ އަށް ހަރުކަށި ފިކުރު ފެތުރިގެން ދިޔައީ ސަރުކާރުތަކުން އެކަށީގެންވާ ގޮތެއްގައި އެ މައްސަލަ އަށް ސަމާލުކަން ނުދިނުމުންކަން އެއީ ދެބަސްވެވެން ނެތް ހަގީގަތަކެވެ. ރާއްޖޭގައި ނުރައްކާތެރި މިންވަރަށް ހަރުކަށި ފިކުރު އޮތްކަން ގަބޫލުކުރަން ބައެއް ސަރުކާރުތަކުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުން އުޅޭ ކަމާއި ބޭރު ގައުމުތަކުގެ ހަނގުރާމަތަކުގައި ގިނަ ދިވެހިންތަކެއް ބައިވެރިވާކަން ގަބޫލުކުރަން ވެސް ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް މިއަދު އެކަން ވަނީ ސާބިތުވެފައެވެ. އެހެން ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން ފެށުނީއްސުރެ އަންނަނީ އެކަން ގަބޫލުކޮށް ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް މި ސަރުކާރަށް ވެސް ނޭނގި ނުވަތަ އަންދާޒާ ނުކުރެވުނީ އެކަން ރާއްޖޭގައި އޮތް މިންވަރެވެ. އޭގެ ނުރައްކަލެވެ. ހެދުނު ގޯހަކީ އެއީއެވެ.

ދީނީ އަދި އެ ނޫން ވެސް ހަރުކަށި ފިކުރުތަކާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މީގެ ކުރިން ވަނީ ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އިސްލާހްކޮށްފައެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަރުކާރުން އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ނުރަނގަޅު މަޤްޞަދުތަކުގައި ޓެރަރިޒަމްގެ ދަޢުވާ ކުރުމަށް އެ ގާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓުވުމެވެ. އަދި ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލުގެނައުމާއި، ތަހްގީގުކުރުމުގައާއި، ޓެރަރިޒަމްގެ ކުށްތަކުގައި ދައުވާ އުފުލުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ޤާނޫނީ ބާރުތަކުގެ ދާއިރާ އަލުން ކަނޑައަޅައި، ޒަމާނާ އެއްގޮތް ޤާނޫނީ އިމްތިޔާޒުތައް އެފަރާތްތަކަށް ދިނުމާއި، ދިވެހިރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ނުވަތަ އެފަދަ ސަރަޙައްދުތަކަށް ދިޔުމަށް ފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާ މެދު ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އެ ފަރާތްތަކުގެ މައްޗަށް ހިންގޭނެ އިޖުރާއަތުތައް ޤާނޫނުގައި ކަނޑައެޅުމަށްޓަކައެވެ.

އާ އިސްލާހްގައި ޓެރަރިޒަމް ވެސް ވަރަށް ފުޅާދާއިރާއެއްގައި މާނަކޮށްފައި ވެއެވެ. އެ ގޮތުން ޓެރަރިޒަމަކީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށްޓަކައި، އަދި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގޭ އަމަލުތައް ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އަދި ގާނޫނު ތަންފީޒުކުރުމަށް އެ ގާނޫނުން އުފައްދަންޖެހޭ ޓެރަރިޒަމް ރިސްކް އެސެސްމެންޓް ކޮމިޓީ އުފެއްދުމާއި އެ ނޫން ވެސް ތަންފީޒީ އިދާރަތަކަށް ގާނޫނުން ލިބިދޭ ބާރުތައް ސަރުކާރުން ވަނީ ދީފައެވެ.

މިއީ ހެޔޮފާލެކެވެ. ނަމަވެސް ޓެރަރިޒަމްގެ މޫތައް ބުޑުން ލުހެލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. މިއީ ހަމައެކަނި ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމުތަކަށް އެކަނި އޮތް ކަމެއް ނޫނެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކަށް ވެސް އޮތް ގޮންޖެހުމެކެވެ. އެ ސަބަބަށްޓަކައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރަނީ ވެސް ގައުމުތައް ގުޅިގެންނެވެ. މި ސަރުކާރުން އަންނަނީ އެ މަސައްކަތުގައި ދިވެހި ދައުލަތުގެ ހިއްސާ ފުޅާކުރަމުންނެވެ. ބޭރުގެ ގައުމުތަކާ އެކު ގުޅުން ބަދަހިކުރަމުންނެވެ. ޓެރަރިޒަމާ ގުޅޭ ތަފާތު ފޯރަމްތަކުގައި ބައިވެރިވުމާއި މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުންތައް ގާއިމުކުރުމުންނެވެ. މިއީ ވެސް ޓެރަރިޒަމާ ދެކޮޅަށް މީގެ ކުރީގެ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.

ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ މަސައްކަތަކުގެ އިތުރުން ދާޚިލީ ކަންކަން ވެސް ވަރުގަދަކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ނިރުބަވެރިކަމަށް އިޖާބަދިނުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭން (އެން.ޓީ.އާރް.ޕީ)ގެ ދަށުން ހިންގަވާ ފުރަތަމަ ހަރަކާތް، އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައިވެރިވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ބާއްވަވައިފިއެވެ. މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ ދުވަހު ރައީސް ވިދާޅުވީ ނިރުބަވެރިކަން ހުއްޓުވަން ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމުގައެވެ. އަދި އެން.ޓީ.އާރް.ޕީ.އަކީ، އެތައް ފަރާތެއްގެ ބައިވެރިވުމާއި އެހީތެރިކަމާ އެކު ތައްޔާރުކޮށްފައިވާ މުހިންމު ރެސްޕޮންސް ޕްލޭނެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ނިރުބަވެރިކަމާއި، ނިރުބަވެރިކަމުގެ އަމަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތައް މި ޕްލޭންގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ޓެރަރިޒަމް ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އައި ދަނޑިވަޅެއްގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިޒަމް ހަމަލާއަކީ، ޓެރަރިމް ހުއްޓުވުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ނިމެން އަދި ކައިރި ވެސް ނުވާ ކަމުގެ ހެއްކެކެވެ. މިކަމަށްޓަކައި ކުރަންޖެހޭ ކަންކަން ގިނަކަން ހާމަކޮށްދޭ ކަމެކެވެ. ސަރުކާރުން އެކަމަށް ސީރިއަސްއެވެ. ހުދު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމުގައި އިސްނަންގަވާފައެވެ.

"ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި، އިޤްތިޞާދަށް ދިން ޙަމަލާއެއް. މިފަދަ ޢަމަލުތަކަށް މި ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މާތް ﷲގެ ވާގިފުޅާއެކު، ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" މި މަހުގެ 6 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ރައީސް ގައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ރައީސް ވަނީ އިތުރު ފިޔަވަޅުތަކެއް އެޅުއްވުމަށް ވެސް ނިންމަވާފައެވެ. އަދި އެކަމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމަ ބެހޭ އިދާރާތަކަށް އެމަނިކުފާނު ވަނީ އަންގަވާފައެވެ. އެ ގޮތުން ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް ދައުލަތުގެ އެޓަރނީ ޖެނެރަލަށް ވަނީ އަންގަވާފައެވެ. އެ ބަދަލުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތަކުގެ އިތުރުން އެ ދެ ބޭފުޅުންނަށް ޚާއްޞަކުރެވިފައިވާ ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ މަސައްކަތް ޤާނޫނުތަކުގެ ތެރެއިން ކުރެއްވުމަށް ވެސް އެމަނިކުފާނު ވަނީ އިރުޝާދު ދެއްވާފައެވެ. އަދި މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ފުރިހަމަ ކުރެއްވެން ނެތް ނަމަ، އާ ޤާނޫނެއްގެ ބިލެއް އެކުލަވައިލައްވައިގެން ނަމަވެސް މިކަންކަަން ކަށަވަރު ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެޓަރނީ ޖެނެރަލަށް އަންގަވާފައެވެ.

ޓެރަރިޒަމާ ދެކޮޅަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ އިރު މިކަން ހުއްޓުވުމަށްޓަކައި ގާނޫނީ ގޮތުން އަދިވެސް ބޮޑެތި ބަދަލުތަކެއް އަންނަންޖެހެއެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ގެނެވުނު އިސްލާހްތަކަށް ޝަރުއީ ދާއިރާ ވެސް ހޭލުންތެރިވެ އަހްލުވެރިވާން އެބަޖެހެއެވެ. އެފަދަ މައްސަލަތައް ތަހްގީގުކުރުމުގެ ގާބިލްކަން ފުލުހުންގެ މެދުގައި އިތުރުކުރަން އެބަޖެހެއެވެ. އަދި ދައުވާކުރާ ފަރާތް ކަމަށްވާ ޕްރޮސެކިއުޓަ ޖެނެރަލްގެ ދައުރު ފުޅާކޮށް، އެފަދަ މައްސަލަތަކުގައި ކުރެވެނީ އެކަށީގެންވާ އަދި ކޯޓުތަކުގައި ސާބިތުކުރެވޭ ފަދަ ދައުވާއަކަށް ހެދުމަށް މަސައްކަތްކުރަންޖެއެވެ. ޓެރަރިޒަމާ ގުޅޭ މައްސަލަކުގައި މިހާތަނަށް ކޯޓުތަކުގައި ހިންގާފައިވާ ބައެއް މައްސަލަތައް ސާބިތުނުވެ ތުހުމަތުކުރެވޭ ފަރާތްތައް މިނިވަން ވެގެން ދިއުމުގައި އެކަށީގެންވަ ތަހްގީގެއް އަދި އެކަށީގެންވާ ޝަރީއަތެއް ނުކުރެވުން ފާހަގަކުރެވިފައި ވެއެވެ.

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކުރެވެން އޮތީ ސަރުކާރުން ކުރާ މަސައްކަތުގައި އަނެއް ދެ ބާރުގެ ވެސް އެއްބާރުލުން ލިބިގެންނެވެ. ގާނޫނުތައް ހަރުދަނާ ކުރުމާއި ޝަރުއީ މަރުހަލާ ވެސް ހަރުދަނާކުރަންޖެހެއެވެ. މިކަމުގައި މިސަރުކާރު މިސްރާބު ހުރީ ރަނގަޅަށެވެ. ނަމަވެސް ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގެ ދުވެލި ހަލުވިކުރަންޖެހޭކަން މި ވަނީ އެނގިގެން ގޮސްފައެވެ. ސަރުކާރުން އޮތީ ޓެރަރިޒަމަށް އަދި ހަރުކަށި ފިކުރަށް ދޫދޭ ގޮތަކަށް ނޫނެވެ.