އައްޑޫ ސިޓީގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވުމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރައްވައިފި

5 އެޕްރީލް 2021 - 3:48

ހެދިބޮޑުވުމުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާ އަދި ޚިދުމަތްތައް ދިނުމަށް އައްޑޫ ސިޓީގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވުމާއި ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ ހެނދުނު ވަރޗުއަލްކޮށް ބޭއްވެވި މި ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ހެދިބޮޑުވުމުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާއާއި، ޚިދުމަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ލިބޭނެގޮތް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ހުޅުމާލޭ ހޮސްޕިޓަލުގައި އެ ޚިދުމަތްތައް ފެށުމަށްފަހު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި އެ ޚިދުމަތްތައް ފެށުމަށް ތައްޔާރުވަމުންދާއިރު މި ޚިދުމަތްތައް ދިނުމުގައި ކަމާބެހޭ ހުރިހާ އިދާރާތަކެއްގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ކުރިޔަށްގެންދިއުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގެ ބެލުމުގެ ދަށުން އައްޑޫސިޓީގައި ޤާއިމުކުރާ މި ސެންޓަރާ ބެހޭގޮތުން އެ ހޮސްޕިޓަލުގެ ފަރާތުން ވަނީ މި ބައްދަލުވުމުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. ދެކުނު ސަރަޙައްދުގެ އަތޮޅުތަކަށް އަމާޒުކޮށް ޤާއިމުކުރާ މި ސެންޓަރުގައި ޚިދުމަތް ދިނުމުގައި ކްލިނިކަލް ސައިކޮލޮޖިސްޓަކާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ އިތުރުން ސްޕީޗް ތެރަޕިސްޓެއްވެސް ހިމެނޭގޮތަށް މަލްޓި ޑިސިޕްލިނަރީ ޓީމެއް ހިމެނޭނެއެވެ. އަދި، އައްޑޫ ދަމަނަވެށި އިމާރާތުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް ލިބޭނެގޮތަށް އިސްކަންދީގެން އަދި އައްޑޫސިޓީގައި ކުރިޔަށްގެންދާ ސްޕެޝަލް ނީޑް ކްލާސްތަކާ އެފަދަ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާވެސް ގުޅިގެން ވަށާޖެހޭ ގޮތެއްގައެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމާއި، އައްޑޫ ކަމާގުޅޭ ދާއިރާގެ ބޭފުޅުންނާއި، ބައެއް މަޖްލިސް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.