އައްޑޫގައި ތަރައްގީ ކުރާ ސަރަހައްދީ ޕޯޓުގެ މަސައްކަތް އެމްޓީސީސީއަށް

3 އެޕްރީލް 2021 - 13:55

އައްޑޫ ސިޓީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދީ ޕޯޓުގެ މަސައްކަތް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެމްޕީއެލް އިން އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ، މިކަމަށްޓަކައި އައްޑޫ ސިޓީގައި ބޭއްވުނު ހާއްސަ ރަސްމީޔާތެއްގައެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ، ސީއީއޯ ޝާހިދު އަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ، ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

އައްޑޫ ސަރަހައްދީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 500،972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.05 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި މި ޕްރޮޖެކްޓަށް ޖުމްލަ 211،771،805.85 ރުފިޔާ ހަރަދުވާނެ އެވެ. މި ޕްރޮޖެކްޓް ފުރިހަމަކުރުމަށް ކަނޑައަޅާފައިވަނީ 18 މަސް ދުވަހުގެ ތެރޭގަ އެވެ. ކުންފުނިން ލަފާކުރާގޮތުގައި މި ޕްރޮޖެކްޓް ފުރިހަމަވުމުން، އެމްޕީއެލްގެ އޮޕަރޭޝަންސް އަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ އެވެ.