ސ. ހިތަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި

2 އެޕްރީލް 2021 - 2:51

އައްޑޫ ސިޓީ ހިތަދޫގައި ބޭނުންކުރަމުންދިޔަ ކުރީގެ ބަނދަރު ތަރައްގީކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ޒީނިއާ އަހުމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސީއީއޯ އާދަމް އާޒިމް އެވެ.

އެ މަޝްރޫއުގެ ދަށުން 234،297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ޑްރެޖިން އާއި އެކްސްކެވޭޝަން މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އޭގެއިތުރުން 800 މީޓާރުގެ ބްރޭކްވޯޓާ އާއި 284 މީޓަރުގެ ކުއޭވޯލްއެއް އެޅުމުގެ މަސައްކަތުގެ އިތުރުން 1،430 ސްކުއެއާ މީޓަރުގެ ޕޭވްމެންޓެއް އެޅުމުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއަކީ 52.4 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އަދި އެ މަޝްރޫއު ނިންމުމަށް ވަނީ އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައެވެ.