ދިވެހި ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގި “ބްލެކް މާރލިންގ” އަސްކަރީ ތަމްރީނު ކާމިޔާބުކަމާއެކު ނިންމާލައިފި

28 މާޗް 2021 - 10:05

ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، ދިވެހި ސިފައިންނާއި އެމެރިކާ ސިފައިންގެ ފަސްޓް ބެޓޭލިއަން ފިފްތު ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑާ، ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި މާރިޗު 1 ވަނަ ފެށި "ބްލެކް މާރލިންގ" އަސްކަރީ ތަމްރީނު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ތަމްރީނުތައް ނިންމުމުގެ ގޮތުން މާފިލާފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫއެސް އާރމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް، މޭޖަރ ޖެނެރަލް މެކް ޑެނިއެލްއެވެ. މި ރަސްމިއްޔާތުގައި ބުލެކް މަރލިންގ ތަމްރީނުގައި ބައިވެރިވި ދިވެހި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މޭޖަރ ޖެނެރަލް މެކް ޑެނިއެލްއެވެ. އެމްއެންޑީއެފްގެ އެކި ޔުނިޓްތަކުން ސިފައިން ބައިވެރިވި މި ތަމްރީނުގައި ކިޔަވާދެއްވި، އެމެރިކާގެ ސިފައިންގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުއެވެ. އަދި މިރަސްމިއްޔާތުގައި ތަމްރީނު ހިންގުމުގައި އެމެރިކާގެ އަސްކަރިއްޔާއިން ދެއްވި އެހީތެރިކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސްވަނީ މޮމެންޓޯއެއް އެމެރިކާ ސިފައިންނަށް ހަދިޔާކުރައްވާފައެވެ.

މިތަމްރީނު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމްއެންޑީއެފް އެކި ޔުނިޓްތަކަށް ނިސްބަތްވާ ސިފައިން ބައިވެރިވި މި ތަމްރީނުތަކުގައި ޓެކްޓިކަލް ކޮންބެޓް ކެޝުއަލްޓީ ކެއަރ ކޯސް، ހައުސް ކްލިއަރިންގ، އާރބަން އޮޕަރޭޝަންސް އަދި ޕެޓްރޯލިންގ ފަދަ ބައިތައް އުގހަންނައި ދިފައިވެއެވެ. މިގޮތުން، މި ތަމްރީނުތައް ކުރިއަށްގެންދިޔައިރު، ސިމިޔުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްފައިވެއެވެ. މި ތަމްރީނު ނިންމުގެ ރަސްމިއްޔާތުގެ ކުރިން އެމްއެންޑީއެފް ނޮދަން އޭރިއާގެ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި ތަމްރީނުގެ ބައިވެރިން ވަނީ ޑެމޮންސްޓްރޭޝަނެއް ދައްކާލާފައެވެ.

"ބުލެކް މާރލިންގ" ތަމްރީނަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކްތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ އިތުރު ކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ތަމްރީނެކެވެ.

މިތަމްރީނު ނިންމުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ޔޫއެސް އާރމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް، މޭޖަރ ޖެނެރަލް މެކް ޑެނިއެލްއާއި މެރިންކޯރގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދާއި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީއާއި އެމެރިކާގެ ސެކިއުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑް (އެފްއެސްއޭބީ)ގެ މުދައްރިބުން އަދި އެމްއެންޑީއެފްގެ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.