އދ.އަތޮޅުގެ ސްކޫލްތަކުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމުގެ މަޝްރޫޢުއެއްގައި ސޮއިކޮށްފި
29 މާޗް 2021 - 10:48
އދ.އަތޮޅުގެ ސްކޫލްތަކުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމުގެ މަޝްރޫޢުގެ ދަށުން, އދ.އަތޮޅު ކައުންސިލްގެ އިދާރާ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢަކީ އދ.އަތޮޅުގައި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ސްކޫލްތަކުގެ ފުރާޅުގައި ސޯލަރ ޕެނަލް ހަރުކޮށް، ސަރުކާރުން އެކުލަވާލެވިފައިވާ ފެހި ހަކަތައިގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އިޢާދަކުރަނިވި ހަކަތަ އދ.އަތޮޅުގެ ސްކޫލްތަކަށް ފޯރިކޮށްދިނުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢަށް ފަންޑުކުރަނީ އދ.އަތޮޅު ކައުންސިލަށް ލިބޭ އާމްދަނީންނެވެ. އެގޮތުން އދ.އަތޮޅު ކައުންސިލަށް ލިބޭ އާމްދަނީން ދަނީ ސްކޫލްތަކުގައި ހިންގާ އެކިއެކި މަޝްރޫޢުތައް އަދި ސްކޫލްތަކުގެ އާބާތުރަފިލުވުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ތިމާވެއްޓާ ރައްޓެހި އެއާކޮންޑިޝަން ހަރުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާ ދެމެދު މާރޗް 18 ވަނަ ދުވަހު ފަހުމުނާމާއެއްގައި ވަނީ ވަނީ ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ވަނީ ސްކޫލްތަކުގައި ހުރި "އެޗްސީއެފްސީ 22" ގޭސް ބޭނުންކުރާ އޭސީތައް އޯޒޯން ފަށަލައަށް ގެއްލުން ނުލިބޭ ފަދަ ގޭސް ބޭނުންކުރާ އޭސީތަކަކަށް ބަދަލުކުރުމަށެވެ. އެ މަސައްކަތަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނީ ހައިޑްރޯފްލޯރޯކާބަންސް (އެޗްސީއެފްސީ) ގޭސް ބޭނުންކުރާ އޭސީތައް ބަދަލުކުރުމަށްޓަކައި ނިއުޒިލޭންޑްގެ ސަރުކާރުގެ ފަރާތުން ހިންގާ "ގޯ ގްރީން" ޕްރޮގްރާމްގެ ދަށުންނެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ޑރ ހުސައިން ރަޝީދު ވިދާޅުވީ ފިނިކުރާ ނިޒާމްތަކުގައި ޖައްވު ހޫނުވުމަށް މެދުވެރިކުރާ މާއްދާއެއް ކަމުގައިވާ ހައިޑްރޯ ފްލޯރޯ ކާބަންސް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރަންޖެހޭނެ މަސައްކަތްތަކަށް ތައްޔާރުވަމުން އަންނަކަމަށެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ވިދާޅުވީ 90 ސްކޫލެއްގައި އެ ގޭސް ބޭނުންކުރާ 486 އޭސީ އެބަހުރި ކަމަށެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން ވަނީ އެއްބަސްވެފަ އެވެ. އަދި 2015 އަހަރުން ފެށިގެން އެޗްސީއެފްސީ ބޭނުންކުރާ ތަކެތި އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މިހާރު ހުރި އެޗްސީއެފްސީ ބޭނުންކުރާ ތަކެއްޗަށް ބޭނުންވާ ވަރަށް އެޗްސީއެފްސީ އެތެރެކުރެވޭނީ 2025 ވަނަ އަހަރާ ހަމައަށެވެ.