ފުހުލުންގެ ޚިދުމަތުގެ އައު ޤާނޫނަށް އަމަލުކުރަން ފަށައިފި

28 މާޗް 2021 - 4:25

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނަށް އަމަލު ކުރަން ފަށައިފި އެވެ.

މި ޤާނޫނަކީ ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި ތަންފީޛުކޮށް، އަމަން ޢާންމާއި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރާއި އިޚްތިޔާރު ފުލުހުންނަށް ދީފައިވާ ޤާނޫނެކެވެ.

މިޤާނޫނަކީ މިދިޔަ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރެއްވި ޤާނޫނެކެވެ.

އެ ގާނޫނުގައި ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތަކުގެ ގޮތުގައި ފުލުހުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.

މުޅި ރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ގާނޫނުން އިސްތިސްނާ ލިބިގެންވާ ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ވަނީ ކަނޑައަޅައިފަ އެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ޤާނޫނު ގެ ދަށުން ޤާއިމުކުރެވިފައިވާ “މޯލްޑިވްސް ޕޮލިސް ސަރވިސް”، މި ޤާނޫނުގެ ދަށުން އުފައްދާ “ދިވެހި ފުލުހުންގެ ޚިދުމަތް” އަށް ބަދަލުވާނެއެވެ. ނަމަވެސް “ދިވެހި ފުލުހުންގެ ޚިދުމަތަށް” އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ “މޯލްޑިވްސް ޕޮލިސް ސަރވިސް”އެވެ.

މި ޤާނޫނުން ފުލުހުންނަށް ހަތިޔާރު ހޯދުމާއި ގެންގުޅުމުގެ ބާރު ލިބިދޭއިރު، ފުލުހުންނަށް “ލެސް ލީތަލް” ހަތިޔާރު ބޭނުން ކުރުމުގެ ބާރުވަނީ ލިބިގެންގޮސްފައެވެ.

މި ޤާނޫނާއެކު ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ސިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރުކޮށްދިނުމާއި ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރުމުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހައުސިންގ ސްކީމްތައް ޤާއިމުކޮށް އޭގެމަންފާ ފުލުންނަށް ލިބޭނޭގޮތް ހެދުން ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ތެރެއިން ކަނޑައެޅިގެންދެއެވެ.