ނ.ހޮޅުދޫ ފެން ހިންދާ ނިޒާމުގެ ޚިދުމަތް ފަށައިފި

27 މާޗް 2021 - 11:00

ނ. ހޮޅުދޫ ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ނިންމާލައި، ޚިދުމަތް ރަސްމީކޮށް ފެށައިފިއެވެ.

މި މަސައްކަތް ނިމުމާއި ގުޅިގެން ހުކުރު ދުވަހު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަންއެވެ.

ނ.ހޮޅުދޫ ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނާއި އުދަ އެރުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދީ، އެފަދަ ކާރިސާތަކުން ރަށަށް ލިބޭ ގެއްލުންތައް މަދުކުރުމެވެ.

ނ.ހޮޅުދޫ ފެން ހިންދާ ނިޒާމުގފީސިބިލިޓީ ސްޓަޑީ އާއި އީއައިއޭ ހެދުމާއި ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރިއަން ޕްރައިވެޓަ ލިމެޓެޑްއާ ހަވާލުކޮށްގެންނެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިޔައް ގެންގޮސްފައިވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލޓޑ އާ ހަވާލުކޮށްގެންނެވެ. މިގޮތުން މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 30 ޖުލައި 2019 ގައެވެ. އަދި އަމަލީ މަސައްކަތް ނިންމާފައިވަނީ ޑިސެމްބަރ 2020 ގައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 7,333,027.00  (ހަތް މިލިއަން ތިން ސަތޭކަ ތިރީސް ތިން ހާސް ހަތާވީސް ރުފިޔާ) ރުފިޔާއެވެ.

ދިވެހި ސަރުކާރުން ކުރިއަށް ގެންދިޔަ ނ.ހޮޅުދޫ ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގައި 1 ޕަންޕް ސްޓޭޝަން އާއި އައުޓްފޯލެއް ވަނީ ޤާއިމްކޮށްފައެވެ.