ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރު ކުރުމަށް އެމެރިކާގެ އަސްކަރިއްޔާ ދެމިއޮންނާނެ ކަމުގައި ހާމަކޮށްފި

27 މާޗް 2021 - 5:59

ދިވެހި އަސްކަރިއްޔާގެ އަސްކަރީ ޤާބިލްކަން އިތުރު ކުރުމަށް އެމެރިކާ އަސްކަރިއްޔާ ދެމި އޮންނާނެ ކަމުގައި އެމެރިކާގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޔޫއެސް އާރމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް، މޭޖަރ ޖެނެރަލް މެކް ޑެނިއެލް، މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް މިމަހުގެ 25 ވަނަ ދުވަހު ކުރެއްވި އިޚްތިރާމުގެ ޒިޔާރަތުގައި އެމަނިކުފާނަށް އެރުވި މެންޓޯގައެވެ.

މި މެންޓޯގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ދިވެހި އަސްކަރިއްޔާގެ އަސްކަރީ ޤާބިލްކަން އިތުރު ކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ތަޢުރީފުކުރައްވާފައިވާއިރު އެމެރިކާގެ އަސްކަރިއްޔާ، ރާއްޖޭގެ އަސްކަރިއްޔާއާއެކުގައި ވާހަކަން ހާމަކޮށްފައި ވެއެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛު މާރިޔާ އަޙްމަދު ދީދީއާއި އެމެރިކާގެ ޑިފެންސް ޑެޕިއުޓީ އަންޑަރ ސެކެރެޓަރީ އޮފް ޑިފެންސް ރީޑް ވާނާ، އެމެރިކާގެ ފިލަޑެލްފިއާގައި 2019 ވަނަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވޯކް އެގްރީމެންޓާއި ގުޅިގެން އެމްއެންޑީއެފް އޭރިއާތަކަށާއި އެމްއެންޑީއެފުން ހިންގާ ޚާއްޞަ އޮޕަރޭޝަންތަކުގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ވާސީލަތްތަކާއި އާލާތްތަކުގެ އެހީތެރިކަން އެމެރިކާގެ އަސްކަރިއްޔާއިން އަންނަނީ ފޯރުކޮށްދެމުންނެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު އޮތް ގުޅުން އިހުނަށްވުރެބޮޑަށް ވަނީ ބަދަހިވެފައެވެ.

މިގޮތުން އެމެރިކާ ސެކިއުރިޓީ ފޯސެސް ބްރިގޭޑް "އެސްއެފްބީއޭ" ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށީގައި "ބްލެކް މާލިން" ނަމުގައި އެއް މަސްދުވަހުގެ ތަމްރީނުތަކެއް މާރިޗް 1 ވަނަ ދުވަހު ފެށިގެން މިހާރުވެސް ދަނީ ކުރިއަށެވެ. މީގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާގެ މަތީ ފަންތީގެ ވަފުދުތައް ރާއްޖެ ޒިޔާރަތް ކުރައްވާފައިވާއިރު، 2019 ވަނަ އަހަރު ޖެނުއަރީ މަހު، އެމެރިކާގެ އެސިސްޓެންސް ސެކެރެޓަރީ އޮފް ޑިފެންސް ރެންޑަލް ޝްރައިވަރ އަދި އެމެރިކާގެ އެކްޓިންގ އަންޑަރ ސެކެރެޓަރީ އޮފް ޑިފެންސް ފޯރ ޕޮލިސީ އެންތަނީ ޓާޓާ މިއަހަރު ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތް ކުރައްވައި ދެ ޤައުމުގެ މެދުގައި ޑިފެންސް އެންޑް ސެކިއުރިޓީ ޑައިލޮގް ނަމުގައި މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޔޫއެސް އާމީ ފެސިފިކްގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ ޖެނެރަލް ޑެނިއަލް އެފް މެކްޑެނިއަލް ރާއްޖެ ވަޑައިގަންނަވާފައިވާއިރު އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ރުޑް ވެސް ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަސްކަރިއްޔާގައި ބޭނުންކުރާ އަސްކަރީ ބައެއް އާލާތްތަކާއި ވަސީލަތްތައް އެމްއެންޑީއެފަށް ހަދިޔާ ކުރައްވާފައެވެ. މީގެ އިތުރުން ވެސް ކޮވިޑް-19 ގެ ޕެންޑެމިކްގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ގިނަގުނަ އެހީތެރިކަން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާފައެވެ.