ސައުދީއިން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
8 އެޕްރީލް 2024 - 11:27
ސައުދީއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު މިއަދު ބަހަން ފަށައިފި ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
އެ މިނިސްޓްރީއިން ބުނީ މިއަދާއި މާދަމާ އަދި މި މަހުގެ 14 އިން 18 އަށް ކަދުރު ބަހާނީ މެންދުރުފަހު 1 އިން 3 ޖެހުމުގެ ނިޔަލަށް ކަމަށެވެ. އަދި މި މަހުގެ 23 އިން 25 އަށް ކަދުރު ބަހާނީ ހެނދުނު 09:30 އިން މެންދުރު 12 ޖެހުމުގެ ނިޔަލަށް ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މާލެއާއި ވިލިމާލޭ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީއިން ކަމަށްވާއިރު ކޮންމެ ގޭބީސީއަކަށް ދޫކުރަނީ އެއް ޕެކެޓް ކަދުރެވެ. އަދި ކަދުރު ދޫކުރަނީ ހަވާލުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށް މިނިސްޓްރީއިން ބުނެއެވެ.
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 55 ޓަނުގެ ކަދުރު މިއަދު ވަނީ ހަދިޔާކޮށްފައެވެ.
މިދިޔަ އަހަރުވެސް ސައުދީއިން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާއިރު މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީއިން ކަދުރު ދޫކޮށްފައިވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް 1 ޕެކެޓެވެ. އަދި ކަދުރު ބަހާފައިވަނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ.
މިދިޔަ އަހަރު މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިނިސްޓްރީ މެދުވެރިކޮށް ކަދުރު ބަހާފައިވާއިރު އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާފައިވަނީ ރަށު ކައުންސިލްތަކުން މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު އެ ކައުންސިލްތަކުންނެވެ.