ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއިން ހަނިމާދޫ އެއަރޕޯޓުގައި ގާއިމުކުރި އައު އޭޕްރަން ބޭނުންކުރަން ފަށައިފި

19 ފެބުރުއަރީ 2024 - 14:20

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ(އާރްސީއެލް)ގެ ފަރާތުން އޮޕަރޭޓް ކުރަމުންގެންދާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ އޭޕްރަން ބަންދުކޮށް އައު އޭޕްރަން ގާއިމްކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

އެ އޭޕްރޯން ބޭނުން ކުރަން ފަށާފައިވަނީ އިއްޔެގެ ހެނދުނު ޖެއްސި މޯލްޑިވިއަން ފްލައިޓާއި އެއްކޮށެވެ.

"މިއޭޕްރަންއަކީ އަޕްގްރޭޑިންގް ޕްރޮޖެކްޓްގައި ހިމެނިފައިނުވާ އެހެންނަމަވެސް ރައީސުލް ޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މިހާރުން މިހާރަށްވެސް ކުންފުންޏަށް އާމްދަނީ އިތުރުކުރެވޭނެ މަގެއް ހުޅުވުމުގެ ގޮތުން ކުރެވުނު މަސައްކަތެއް،" އާރްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ ވިދާޅުވިއެވެ.

އަލަށް ހުޅުވުނު އޭޕްރަން މާކެޓް ކުރާނީ ޖެޓް ޕާކިން ފެސިލިޓީއެއް ގޮތުގައިކަމަށް އާރްސީއެލްއިން މައުލޫމާތުދިނެވެ. އަދި މި އޭޕްރަންގެ ބޮޑުމިނުގައި 42،000 ސްކޮޔާފީޓް ހުރުމުން އެއްފަހަރާ 6 ޖެޓް ޕާކް ކުރެވޭނެ ކަމަށް އެކުންފުނިން ހާމަކުރިއެވެ.

މީގެ އިތުރުން ހަނިމާދޫ އެއަރޕޯޓް އަޕްގްރޭޑިންގް ޕްރޮޖެކްޓް އެއްކޮށް ނިމިގެންދާއިރު، މިސަރަހައްދު ބޭނުންކުރެވިގެންދާނީ އައިސޮލޭޝަންބޭ އެއްގެ ގޮތުގައި ކަމަށް އާރްއޭސީއެލްއިން މައުލޫމާތު ދިނެވެ.