ވަރލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައިވާ ވައިސް ޕްރެޒިޑެންޓް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

6 ފެބުރުއަރީ 2024 - 8:06

ވަރލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައިވާ ވައިސް ޕްރެޒިޑެންޓް މަރޓިން ރެއިސަރ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރލްޑް ބޭންކުން ދިވެހިރާއްޖެއަށް ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި އިޤްތިޞާދީ ކުރިއެރުމާއި މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ރާވާފައިވާ ކުރުމުއްދަތުގެ އަދި ދިގުމުއްދަތުގެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދު ރިޔާސީ ބަޔާން އިއްވަވަމުންވެސް ފާހަގަކުރެއްވި، ޕަބްލިކް ސެކްޓަރ އިސްލާޙްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. ވައިސް ޕްރެޒިޑެންޓް ރެއިސަރ ވަނީ ރާއްޖޭގެ އިޤްތިޞާދީ ކަންކަން މެނޭޖްކުރުމުގައި ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވުމަށް ހުށަހަޅުއްވާފައެވެ.

މި ބައްދަލުކުރެއްވުން ދެ ބޭފުޅުން ނިންމަވާލައްވާފައިވަނީ ކުރިމަގުގައި ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވަމުންނެވެ.