ފިޔަވަތި އިމާރާތް މަރާމާތުކުރުމުގެ މަޝްރޫއު ނިމި އެތަން ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

24 މާޗް 2021 - 11:53

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކުރުމުގެ މަޝްރޫއު ނިމި އެތަން ހުޅުވުމުގެ ރަސްމިއްޔާތު ވަރޗުއަލްކޮށް މިއަދު ބާއްވައިފިއެވެ.

މިމަޝްރޫއަށް ހަރަދުކުރެވުނީ އިންޑިއަން ގްރާންޓް އެސިސްޓެންސްގެ 106 މިލިއަން ރުުފިޔާގެ ދަށުން 1.9 މިލިއަން ރުފިޔާއެވެ. މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރުން އާއިޝަތު ރަޝީދު އަދި ޒިފްލީނާ ހަސަންއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އިޖްތިމާއީ-އިގްތިސާދީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމާއި، މި މަޝްރޫއަކީ އަކީ މިދެންނެވި ޒިންމާގެ ތެރެއިން ސަރުކާރުން ހިންގި މަޝްރޫއެއްކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތުގެ ސަލާމަތީ ކަންކަން ހަރުދަނާކުރެވި، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރެވި، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ ތައްޔާރުކުރެވުނެވެ. މި މަޝްރޫޢުގެ ސަބަބުން ފަޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ޤާއިމުވެގެންދާނެއެވެ.

މި މަޝްރޫއު ހިންގުނީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގެދަށުންނެވެ. މި އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުންތަކަށް ދިވެހިރާއްޖޭގައި ހިންގޭ މަޝްރޫއުތަކަށް ހަރަދުކުރުމެވެ.