ޕެންޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް ތަޢާރަފުކޮށްފި

25 މާޗް 2021 - 5:42

ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ބެޗެލަރސް އަދި މާސްޓާރސް ޑިގްރީ ނިންމާ ފަރާތްތަކަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ.

"އަރުތަ"ގެ ނަމުގައި ތަޢާރަފުކުރި މި ޕްރޮގްރާމުގެ މަޤްސަދަކީ ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކި ދާއިރާތަކުން ތައުލީމު ހާސިލުކޮށް ރަނގަޅު ނަތީޖާ ހޯދާ ފަރާތްތަކަށް މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހޯދޭނެ މަަގުފަހިކޮށްދީ މި ދާއިރާތަކުން މީހުން ބިނާކޮށް ކުރިމަގުގައި އޮފީހުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާނެ ގާބިލު މީހުން ތަމްރީނުކުރުންކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

މިޕްރޮގްރާމުގެ ދަށުން އިންވެސްޓްމަންޓް މެނެޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޕެންޝަން އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާތަކުން މަސައްކަތުގެ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް މުސާރައާއި ޕެންޝަން ކޮންޓްރިބިއުޝަން ފަދަ އިނާޔަތްތައް ދިނުމަށް ހަމަޖެހިފައި ވުމުގެ އިތުރުން ކާމިޔާބު ކަމާއެކު ޕްރޮގްރާމު ނިންމާ ފަރާތްތަކަށް ޕެންޝަން އޮފީހުން ވަޒީފާގެ ފުރުސަތުވެސް ތަނަވަސްވެގެން ދާނެއެވެ.

މިޕްރޮގްރާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ މިޕްރޮގްރާމުގެ ދަށުން އިޢުލާން ކުރެވޭ ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުން ހޮވޭ ފަރާތްތައްކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ. އަދި މިޕްރޮގްރާމުގެ ދަށުން މިއަހަރަށް ހުޅުވާލެވިފައިވާ ފުރުސަތުތަކާއި ޕްރޮގްރާމާއި ބޭހޭ އިތުރު މައުލޫމާތު http://bit.ly/Arutha އިން ލިބެން ހުންނާނެކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ.