މި. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

24 މާޗް 2021 - 11:27

މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު މ. ދިއްގަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި މ. ދިއްގަރު ދާއިރާގެ މަޖްލިސް މެންބަރު އިކްރާމް ހަސަން ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްފާއިވާ މި މަޝްރޫއަކީ 84.121 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ
ބިން ހިއްކުމާއި، ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީއަކީ އެއްވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫޢުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ކުންފުންޏަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއިއެކުވެސް، ކުންފުނީގެ އަމާޒަކީ ނިންމަން ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫޢުތައް ނިންމުން ކަމުގައި އެކުންފުނިން ހާމަކުރިއެވެ.

މިގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި އެންމެ ގިނަ މަޝްރޫޢުތައް ނިންމި އަހަރަކީ 2020 ވަނަ އަހަރެވެ .އަދި މިހިނގާ 2021 ވަނަ އަހަރަކީވެސް ގިނަ މަޝްރޫޢުތަކެއް ނިންމާ ކާމިޔާބު އަހަރަކަށް ހެދުމަކީ ކުންފުނީގެ އަމާޒެވެ.