ކޮތަރާއި 100 އަށްވުރެ ގިނަ ދޫނި ހިމާޔަތްކޮށްފި

23 މާޗް 2021 - 12:08

ރާއްޖޭގައި އުޅޭ ކޮތަރުގެ ތިން ބާވަތެއް ހިމެނޭހެން 104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށް، އެތަކެތި ހިފުމާއި ގެންގުޅުން މަނާކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނާގޮތުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން އެ 104 ބާވަތުގެ ދޫންޏަކީ ހިމާޔަތްކޮށްފައިވާ ތަކެތި ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ކޮތަރުގެ އިތުރުން ރާބޮނދި އާއި މާދޫނި، ބޮނޑަނަ، ފިނދަނަ، ކިރު ދޫނި، ބާޒު އަދި ބަކަމޫން ހިމެނޭ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ ދޫނިތައް ހިމާޔަތްކުރީ ރާއްޖެއަކީ ދޫނި ހިޖުރަކުރާ ވަގުތީ މަންޒިލަކަށް ވާތީ އެ ތަކެއްޗަކަށް ރައްކާތެރިކަން ދިނުމުގެ ގޮތުންނެވެ.

މި ދޫނިތައް ހިމާޔަތްކުރުމުން އެ ހިފުމާއި ގެންގުޅުމާއި ގޯނާކުރުމާއި އެއްވެސް ގޮތަކަށް ބޭނުންކުރުން ވެސް މަނާވާނެ އެވެ. އަދި އެ ތަކެތި ނިދަން އަރާ ހާލި ފަދަ ތަންތަނަށް ގެއްލުން ދިނުން ވެސް މަނާވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހިމާޔަތް ކޮށްފައިވާ ޖަނަވާރަކަށް ނުވަތަ ދޫންޏަކަށް ގެއްލުން ދީފި ނަމަ ނުވަތަ ގެންގުޅެފި ނަމަ ޖޫރިމަނާ ކުރެވެ އެވެ.