ދ.ހުޅުދެލީ ބަނދަރުގެ ބޭރުތޮއްޓަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފި

23 މާޗް 2021 - 5:48

ދ. ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮއްޓަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ރަށަށް ގެންގޮސްފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިސެމްބަރު 10، 2019 ގައި އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ

އެމްޓީސީސީން ބުނީ، ބަނދަރުގެ ބޭރުތޮއްޓަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މިދިޔަ ބުރާސްފަތި ދުވަހު ޕްރޮޖެކްޓު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބަނދަރަށް އަލަށް އިތުރުކުރާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް ބުންޏެވެ.

މި މަޝްރޫއު ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 337 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 252 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި މަގު ބައްތި ހަރުކުރުމާއި 1،645 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.