ހދ.މަކުނުދޫ އެއަރޕޯޓްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

27 ޖޫން 2023 - 5:48

ހދ. މަކުނުދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އަދި ބިގްފިޝް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޝާފިން އަޙްމަދެވެ.

މި މަޝްރޫޢުގެ ދަށުން މަކުނުދޫ އެއަރޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޚިމާޔަތްކުރުމުގެގޮތުން 3493 މީޓަރުގެ ރިވެޓްމަންޓް ޖެހުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މަކުނުދޫ ބިން ހިއްކުމުގެ މަޝްރޫޢު ބިގްފިޝް މޯލްޑިވްސްއާއި ޙަވާލުކޮށްފައިވަނީ 366 ދުވަހުން ނިންމާގޮތަށެވެ. އަދި މި މަޝްރޫޢަށް ގާތްގަނޑަކަށް 16 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މަކުނުދޫ އެއަރޕޯޓަކީ ސަރުކާރުން މިހާރު ބީލަމަށް ހުވާލުމަށް ހުށައަޅުއްވާފައިވާ އެއް އެއަރޕޯޓެވެ. ހދ. އަތޮޅުގެ ހުޅަނގު ދެކުނު ބިތުގައި އޮތް މަކުނުދުއަކީ ރާއްޖޭގައި ދަތުރުފަތުރުގެ ދަތިކަން އެންމެ ބޮޑަށް އޮތް އެއް ރަށެވެ. ކައިރީގައި އިތުރު ރަށެއް ނެތުމާއި، އެ ރަށް އޮތް ހިސާބުގެ ސަބަބުން އެ ސަރަޙައްދަކީ އެހެން ރަށްރަށަށް ދަތުރުފަތުރުކުރުމަށް ވެސް ބޭނުންކުރާ ސަރަޙައްދެއް ނޫނެވެ. މިއާއެކު އެރަށުގެ ރައްޔިތުން އަބަދުވެސް އެންމެ ބޮޑަށް ބޭނުންވެފައިވާ ޚިދުމަތަކީ ރަށުން ދަތުރުކުރެވޭނެ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެކެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތާއެކު މަކުނުދޫ ރައްޔިތުންނަށް ކަނޑު ދަތުރުފަތުރުގެ ނިޒާމު ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. ނަމަވެސް ކަނޑުދަތުރާ އެއްގޮތަށް ވައިގެ ދަތުރުގެ ދަތިކަން އިންތިހާއަށް އެބައޮތެވެ. ފްލައިޓް ޓިކެޓަށް ކުރާ ހޭދައިގެ ދެގުނަ، މަކުނުދޫން އެއަރޕޯޓް އޮންނަ އެހެން ރަށަކަށް ދާން ކުރަންޖެހެއެވެ.