އެމްއޭސީއެލްއާއި ފުލުހުން ގުޅިގެން މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

11 ޖޫން 2023 - 16:19

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ތޯހާ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުލް ރަހްމާންއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް އެކުލަވާލައި، އެ ގަވާއިދުތައް ތަންފީޒްކުރުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަން ސެކްޝަނުން މުހިންމު ދައުރެއް އަދާކުރާ ކުރަމުންދެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ގިނަ ފަރާތްތަކަކާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގައި އެމް.އޭ.ސީ.އެލްއާއި އެކުވެސް މިވަނީ ހާއްސަ މަސައްކަތްތަކެއް ކުރުމަށް ފެށިފައެވެ.

އެމްއޭސީއެލްގެ ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓުން ވަނީ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުޅި އަހަރަށް ބަހާލައިގެން ބިނާރުގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިންގެ ހަރަކާތެއްގެ ގޮތުން މިއަދު އިފްތިތާހުކުރި ރޯޑް ސޭފްޓީ އެވެއާނަސް ޕްރޮގްރާމްގެ ދަށުން ކުންފުނީގެ ސީނިއާ މެނޭޖްމަންޓާއި އާންމު މުވައްޒަފުންނާއި ޑްރައިވަރުންނަށް ޚާއްސަ ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ތޯހާ ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ޤަވާއިދުތަކަށް ބޯލެނބުމާއި، ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލާފައެވެ. އަދި ހިނގާފައިވާ ގިނަ އެކްސިޑެންޓްތަކަކީ ބަލަންވާ ވަރަށް ނުބަލާ ދުއްވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކެއްކަން ފާހަގަކޮށް އެއަރޕޯޓުގެ މަގުތަކުގައި ހިނގާފައި ދާއިރު ބޮޑެތި ބަސްތަކާއި އުޅަނދުތައް ގިނައިން ދަތުރުކުރާތީ އެކަމަށް ސަމާލުވުމަށްވެސް ތޯހާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަޙުމަދު އަބްދުލް ރަހްމާން ވަނީ ފަރުދުންނަށް ނުރައްކާވެދާނެ ސަބަބުތައް ދެނެގަތުމުގައި ބޮޑު އަހަންމިއްޔަތެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފަދަ ކަންތައްތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށްފަހު އެމްއޭސީއެލްގެ ސީނިއާ މެނޭޖްމަންޓަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.