އައްޑޫ ސިޓީގައި ދުވަސްވީ މީހުންނަށް ހާއްސަ ސެންޓަރެއް ގާއިމް ކުރަނީ

22 މާޗް 2021 - 5:16

އައްޑޫގައި ދުވަސްވީ މީހުންނަށް ހާއްސަ ސެންޓަރެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ޕްރޮގްރާމްގައި ރޭ އައްޑޫގެ ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އައްޑޫގައި އެލްޑާލީ ހޯމެއް ނުވަތަ ދުވަސްވީ މީހުންނަށް ތިބެވޭނެ ހާއްސަ ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށާއި އެ ސެންޓަރު ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ފޭދޫގައި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ފޭދޫގައި ދުވަސްވީ މީހުންނަށް ހާއްސަ ސެންޓަރެއް ގާއިމް ކުރުމަށް 30،000 އަކަ ފޫޓްގެ ބިމެއް މިހާރު ލިބިފައިވާ ކަމަށާއި ވަރަށް އަވަހަށް މަސައްކަތް ފެށޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޕީޑިއެޓްރިކް ސެންޓަރެއް ގާއިމު ކުރުމަށް އެތަނުގެ އެމްޑީ ޑރ. ސޯލިހް ކަރުދާސް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ރިހިބިލިޓޭޝަނާއި ސައިކޮލޮޖިކަލް އަދި ބިހޭވިއަލް ތެރަޕީ ދިނުމަށް ޕީޑިއެޓްރިކް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް މަރަދޫ ފޭދޫގައި ފެށުމަށް މިހާރު ވާނީ ހުއްދަ ދީފައި ކޮށްފައި ކަމަށާއި އެކަމަށް ބަޖެޓް ހަމަޖެހުމުން އެމަސައްކަތް ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ފަސް ތަނެއްގައި ނަފުސާނީ ބަލިތަކަށް ހިދުމަތްދޭ ސެންޓަރުތަކެއް ގާއިމް ކުރުމަށް ނިންމަވާފައިވާކަން ހާމަ ކުރައްވައި ރައީސް ވިދާޅުވީ އައިޖީއެމްއެޗާ ގުޅިގެން އައްޑޫގައިވެސް ނަފުސާނީ ހިދުމަތްތަކާ ބެހޭ ސެންޓަރެއް ގާއިމް ކުރެވޭނެ ކަމަށެވެ.