ގްރޭޓާމާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމާލައިފި

8 ޖޫން 2023 - 5:15

ސްޓެލްކޯ އިން ޤާއިމު ކުރި ގްރޭޓާމާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމާލައިފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯ އިން ބުނީ ހުޅުމާލޭ ބައު އިންޖީނުގޭގައި ޤާއިމްކޮށްފައިވާ މި ބެކަޕް ޕަވަރޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓް ކަމަށެވެ.

މި ޕަވަރޕްލާންޓަކީ، މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން، ސްޓެލްކޯގެ އަތޮޅުތެރޭގައި އަދި ގްރޭޓާ މާލޭގެ އިންޖީނުގެތަކުގެ ތިބި، މި މަސައްކަތައް އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއް ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

އަދި މިއީ ސްޓެލްކޯގެ ތާރީހުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު ފަހަރުކަން ސްޓެލްކޯ އިން ވަނީ ފާހަގަ ކޮށްފައެވެ.

ހަަމަ އެހެންމެ މި އެމަރޖެންސީ ޕަވަރޕްލާންޓާއެކު، ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރެވި، ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާލޯޑްވެގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އެކު، ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ ކަން މެނޭޖިންގ ޑިރެކްްޓަރ އަހުމަދު ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މާލެއާއި ހުޅުމާލޭގެ ބޮޑެތި ޖެންސެޓްތައް އޯވާރހޯލް ކުރުމަށް ނިއްވާލުމުގެ ފުރުސަތު ލިބި އެ ޖަނަރޭޓަރުތަކުގެ އެފިޝިއެންސީ ވެސް އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.