ދުނިޔެ މަގޭ – ހުޅުމާލެ ސާފުކުރުމުގެ ބޮޑު އިވެންޓެއް

8 ޖޫން 2023 - 4:48

ދުނިޔޭގެ ތިމާވެށީގެ ދުވާހާއި ގުޅިގެން އަރބަންކޯއިން އިފްތިތާހުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ހުޅުމާލޭ ސާފުކުރުމުގެ ބޮޑު އިވެންޓެއް ބާއްވަން އަރބަންކޯއިން ނިންމައިފިއެވެ. ދުނިޔެގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ޖޫން މަހުގެ 5 ވަނަ ދުވަސް ފާހަގަކުރާއިރު، އެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލެ ސާފުކުރުމުގެ އިވެންޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވާ ހޮނިހިރު ދުވަހުއެވެ.

މި އިވެންޓު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:30 ގައި ޗެނަލް ޕާކު ބީޗް ސަރަހައްދުންނެވެ. އެ ސަރަހައްދުން ފެށިގެން ހުޅުމާލޭގެ ޖުމްލަ 7 ސަރަހައްދެއް މި އިވެންޓުގައި ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތަކެވެ. މި ސަރަހައްދުތައް ސާފުކުރާނީ ވަކި ވަކި ޓީމުތަކަށް ބަހާލައިގެންނެވެ. 10:45 ގައި ސާފުކުރުމުގެ އިވެންޓް ނިންމާލަން ހަމަޖެހިފައިވާއިރު، ހަރަކާތް ނިންމާލުން އޮތީ ވޯޓަރ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައެވެ. 

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ހަރަކާތަކީ އަރބަންކޯއިން ވަރަށް ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން މި ހަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި، ސަރުކާރު ކުންފުނިތައް އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. 

ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން އަރބަންކޯއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފްކޮށްފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ގިނަ ކަންތައްތަކެއް މުޅި އަހަރަށް ބަހާލައިގެން ރޭވިފައިވާކަން ފާހަގަކުރަމެވެ. 

ހުޅުމާލެ އަކީ ތިމާވެއްޓާއި ރައްޓެހި ސްމާޓް ސިޓީއަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް މި ކެމްޕޭންގެ ދަށުން ލިބިގެންދާނެއެވެ. މި ކެމްޕޭންގެ ދަށުން ހުޅުމާލެ އާއި މި ކޯޕަރޭޝަންގެ ބިޔޯންޑް ހުޅުމާލޭގެ ދަށުން ތިމާވެއްޓަށް ގެއްލުން ހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.