އައްޑޫ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

7 ޖޫން 2023 - 16:56

އައްޑޫ ސިޓީ މީދޫގައި މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ މިސްކިތުގައި އެއްފަހަރާ 700 މީހުނަށް ނަމާދު ކުރެވޭނެ ކަމަށެވެ. އެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓާއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އަދި ނޫރައްދީން އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު އަބްދުﷲ ސާލިހެވެ.

މި ރަސްމިއްޔާތުގައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މަސައްކަތް ނިންމައިދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމަށެވެ.

މެމްބަރު ރޮޒައިނާ ވިދާޅުވީ ސަރުކާރުގެ ފަރާތުން މީދޫގައި މިސްކިތެއް އިމާރާތް ކުރާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި މި މިސްކިތުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މީދޫގައި އިމާރާތްކުރަން ހަވާލުކުރި މި މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަކީ 13,947,943.70 ރުފިޔާގެ މަޝްރޫއެކެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.