ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި

5 ޖޫން 2023 - 16:51

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި ރަސްމިއްޔާތުގައި ރަސްމީކޮށް އެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ އަރިހުގައި މި ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓާ އޮފް ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާޒް ވީ. މުރަލީދަރަން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާއެކުގައި އެއާޕޯޓްގެ ޕެސެންޖާ ޓާމިނަލް ތަރައްޤީ ކުރާނެ އެވެ. މި ވަސީލަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖްތަކާއި އެހެނިހެން ވަޞީލަތްތައް ހިމެނެއެވެ.

މީގެ އިތުރުން ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތަކާއި، ކޮންޓްރޯލް ޓަވަރ އަދި ފަޔަރ ސްޓޭޝަނާއި، މަގު ތަކާއި ޕާކިންގ ސަރަޙައްދުތައް މި މަޝްރޫޢުގެ ދަށުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

އައްޑޫ ސިޓީއަކީ އިޤްތިޞާދީ މައި ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސް ސޯލިހު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ސަރުކާރުން ހިންގަމުންދާ ގިނަގުނަ މަޝްރޫޢުތަކުގެ ތެރެއިން ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އެއްމެ މުހިއްމު އެއް މަޝްރޫޢެވެ. މި އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދު، އެ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ކެޕޭސިޓީ އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމީ ދެކުނުގެ ތަރައްޤީއަށް މުހިއްމު ކަމެކެވެ.

ގަން އެއަރޕޯޓް ތަރައްޤީ ވެގެން އަންނައިރު އައްޑޫ ސިޓީގައި ޓުއަރިޒަމް ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން 2082 އެނދުގެ އިންޓަރގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއްގެ ގޮތުގައި ހަންކެޑެ ތަރައްޤީކުރުމަށްޓަކައި ކޮންޓްރެކްޓަރާ އެކުގައި މިދިޔަ މާރޗް މަހުގައި ވަނީ ސޮއިކިރެވިފައެވެ.

ފަތުރުވެރިކަމަށް އަމާޒުކުރެވިގެން 5 ރަށެއް ހިއްކުމުގެ މަސައްކަތް އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން ދަނީ ކުރެވެމުންނެވެ. ގެސްޓް ހައުސް ތަރައްޤީކުރުމަށް އައްޑޫ ސިޓީއިން ބިން ދޫކޮށްފައިވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ލޯނު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މިނޫންވެސް ގިނަ މަސައްކަތްތަކެއް މި ދާއިރާއިން ދަނީކުރެވެމުންނެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސީދާ ފްލައިޓްތައް ރާއްޖޭގެ ދެކުނަށް އޮޕަރޭޓް ކުރުމަށް މަގުފަހިވެ، މި ސަރަޙައްދުތަކުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރު ކުރުމަށް ފުރުޞަތު ހުޅުވިގެންދާނެއެވެ.

މީގެ އިތުރުން ވިޔަފާރިއާއި އެކިއެކި ސިނާޢަތްތައް އެ ސަރަޙައްދުތަކުގައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެވެ. ގަން އިންޓަރނޭޝަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު މާރޗް 2025 ގައި ނިމުމުން، މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން ވެގެންދާނެއެވެ.