ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެހީވުމަށް އަރބަންކޯއިން އައިއޭސީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

29 މެއި 2023 - 15:09

ހާލުގައި ޖެހިފައިވާ ގައުމުތަކާއި، ސަރަހައްދުތަކަށް އެހީތެރިވެދިނުމަށް އަރބަންކޯއިން، އިންޓަނޭޝަނަލް އެއިޑް ކްމެޕޭން (އައިއޭސީ) އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މި އެމްއޯޔޫގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފްއެވެ. އައިއޭސީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަހުމަދު އިގްބާލްއެވެ.

އައިއޭސީ އަކީ ދުނިޔޭގެ އެކި ހިސާބުތަކުއި ހަނގުރާމަވެރި ސަރަހައްދުތަކާއި، މީހުން ހާލުގައި ޖެހިފައިވާ އަދި އެހީތެރިކަން ބޭނުންވާ ސަރަހައްދުތައް ފާހަގަކޮށް އެ ފަރާތްތަކަށް ބޭނުންވާ ފަންޑު ހޯދައި އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމިއްޔާއެކެވެ. އެގޮތުން ސީރިޔާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ފެނާއި، ގެދޮރު ބިނާކޮށްދިނުން އަދި އެ ނޫންވެސް ޒަރޫރީ ބޭނުންތަ ފުއްދުމަށް އައިއޭސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއެވެ.

އާބަންކޯއިން ބުނެފައިވަނީ، މި އެއްބަސްވުމުގެ ދަށުން އައިއޭސީގެ މައިގަނޑު ރޯލަކީ އެހީތެރިކަން ބޭނުންވާ ފަރާތްތައް އައިޑެންޓިފައިކޮށް އެތަންތަނަށް ބޭނުންވާ އެހީ އަރބަންކޯގެ ފަރާތުން ފޯރުކޮށްދިނުމަށް އެހީތެރިވެދިނުން ކަމުގައެވެ. އެގޮތުން ލޯކަލް ލީޑަރުންނާއި ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތްކޮށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަތައް ހޯދައި މި މަސައްކަތަށް ފެސިލިޓޭޓްކޮށްދޭނެ ކަމަށްވެސް އާބަންކޯއިން ބުނެފައި ވެއެވެ.

މި އެމްއޯޔޫގެ ދަށުން އަރބަންކޯއިން ކުރާ މަސައްކަތްތަކުގެ ތެރެއިން، އައިއޭސީއިން އައިޑެންޓިފައިކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސައިޓް ސްޕެސިފިކް ޕްލޭންތައް ފަރުމާކުރުމާއި، އެ ޕްލޭންތަކަކީ މުޖުތަމައުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށް ވާނެ ކަން ޔަގީންކުރުމަށް އަރބަންކޯގެ އެކްސްޕާޓީސް ޓީމުން މަސައްކަތްކުރާނެކަށްވެސް އާބަންކޯއިން ބުނެފައި ވެއެވެ.

އާބަންކޯއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން، ވިލެޖް ނުވަތަ ނެއިބަރހުޑް މާސްޓަރޕްލޭންގެ ކޮންސެޕްޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެކުންފުނިންނެވެ. މީގެ އިތުރަށް އަރބަންކޯގެ ޓީމުން ސައިޓް އެސެސްމަންޓާއި ފީސިބިލިޓީ ސްޓަޑީޒް އާއި އިންފްރާސްޓްރަކްޗާ ޕްލޭނިން އާއި އާކިޓެކްޗަރަލް ޑިޒައިން، ކޮންސްޓްރަކްޝަން މެނޭޖްމަންޓް އަދި ކޮލިޓީ ކޮންޓްރޯލް ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް ބުނެފައި ވެއެވެ.

އައިއޭސީގެ އިސްނެގުމުގެ މަތިން ސޮއިކުރެވުނު މި އެމްއޯޔޫއަކީ އަރބަންކޯގެ ފަރާތުން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދީ އެންމެނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ސޮއިކުރެއްވުނު އެމްއޯޔޫއެއްކަން އާބަންކޯއިން ފާހަގަ ކޮށްފައި ވެއެވެ.