ޓެކްސްއާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއާއި މެލޭޝިޔާއިން އެއްބަސްވުމެއް
25 މެއި 2023 - 2:25
ޓެކްސްއާގުޅޭ މުހިއްމު އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި މެލޭޝިޔާއިން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މެލޭޝިޔާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ސޮއިކުރީ ޓެކްސް އެވޮއިޑަންސް އެގްރިމަންޓެއްގައެވެ. މިއީ ދެޤައުމުގެ ދެމެދު ކުރެވޭ ވިޔަފާރި މުއާމަލާތްތަކުން އެއް އާމްދަނީއަކުން ދެފަހަރު ޓެކްސް ކުރުން ހުއްޓުވައި، ޓެކުހާއިގުޅޭ މައުލޫމާތުތައް ބަދަލުކުރުމަށް މަގުފަހިކުރާ އެއްބަސްވުމެކެވެ. މީގެއިތުރުން ޓެކްސްއަށް މަކަރު ހެދުން ހުއްޓުވުމަކީވެސް މި އެއްބަސްވުމުން ހާސިލުވާނެ މަޤްޞަދެކެވެ.
ޓެކްސްއާ ގުޅޭ މައްސަލަތައް ހައްލުކުރުމުގެ އިތުރުން، މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުންވެސް އިތުރަށް ބަދަހިވެގެންދާނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މެލޭޝިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ފިނޭންސް މިނިސްޓަރ އަހުމަދު މަސްލަންއެވެ. މިއީ ރާއްޖެއިން ސޮއިކުރި ޓެކްސް އެވޮއިޑަންސްއާ ގުޅޭ 3 ވަނަ އެއްބަސްވުމެވެ. އަދި އިތުރު ޤައުމުތަކާއެކު މިފަދަ އެއްބަސްވުންތައް ޤާއިމްކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.