މިފްކޯގެ އާ ބޯޓް ހާއްސައީ ދެކުނުގެ މަސްވެރިންނަށް, މިއައު ބޯޓުން މަސްކިރަން ފަށައިފި

21 މެއި 2023 - 2:32

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕްލެސް (މިފްކޯ)ގެ ކެޕަސިޓީ އިތުރުކޮށް ދިވެހި މަސްވެރިންނަށް ލުއި ފަސޭހަކުރުމަށް ގެނައި "ޖަޒީރާ 103" ބޯޓުން މަސްކިރަން ފަށައިފިއެވެ.

"ޖަޒީރާ 103" ބޯޓަކީ ދުވާލެއްގެ މައްޗަށް 120 މެޓްރިކް ޓަނުގެ މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީ ހުރި ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ ބޯޓެކެވެ. އަދި, 420 މެޓްރިކް ޓަނުގެ މަސް މި ބޯޓުގައި ރައްކާ ކުރެވޭނެއެވެ.

ރާއްޖެއިން ދެކުނުގެ މަސްވެރިންނަށް ޚާއްސަކޮށްގެން ގެނައި މި ބޯޓް އޮޕަރޭޝަނަށް ގެނައުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ފަރެސްމާތޮޑާގައެވެ.

ރަސްމިއްޔާތު ޝަރަފްވެރި މެހުމާނަކީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ.

މި ބޯޓު ރަސްމީކޮށް އަޕަރޭޝަނަށް ގެނައުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، މި އަހަރު ތެރޭގައި ގާތްގަނޑަކަށް 880 ޓަނު ކޫއްޑޫގެ އެއްގަމަށް ކިރޭވަރުގެ ކެޕޭސިޓީ މިފްކޯއިން ގާއިމުކުރާނެ ކަމަށެވެ.

މަސްވެރިކަން އެންމެ ރަނގަޅީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކުގައިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ދެކުނުގެ މަސްވެރިން ބާނާ މަސްކޮޅު ކިރުވަން ކޫއްޑޫއަށް ދާން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އަދި، އެކަމަށް ވަރަށް ބޮޑު ހޭދައެއް ކުރަން މަސްވެރިންނަށް ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންވެގެން ދެކުނުގައި ފަސޭހައިން މަސް ކިރޭނެ ގޮތްވުމަކީ މަސްވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިފްކޯއަށް ދިމާވެފައިވާ މަސް ކިރުވުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އެ ކުންފުނީގެ ކެޕެސިޓީ މަތި ކުރުމުގެ ގޮތުން އިތުރު ހަތަރު ބޯޓް ގެނައުމަށް ނިންމާފައިވެއެވެ.

މިފްކޯއިން ބުނީ "ޖަޒީރާ 103" ބޯޓަކީ އެ ހަތަރު ބޯޓުގެ ތެރެއިން ރާއްޖެ ގެނައި ފުރަތަމަ ބޯޓު ކަމަށެވެ.