ގއ. އަތޮޅު ހޮސްޕިޓަލުގެ އައު އޯޕީޑީ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
14 މެއި 2023 - 16:25
ގއ. އަތޮޅު ހޮސްޕިޓަލުގެ އައު އޯޕީޑީ ހެދުމުގެ މަސައްކަތް، ބަޔަކާއި ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ސަމާލު ކޮންސްޓްރަކްޝަނާއި އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މި މަސައްކަތް ސަމާލުކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ 4.4 މިލިޔަން ރުފިޔާއަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެހޮސްޕިޓަލުގައި އައު އޯޕިޑީއެއް ހެދުމަށް ނިންމަވާފައިވަނީ މިހާރު ބޭނުންކުރަމުންދާ އޯޕީޑީގެ ޖާގަކުޑަވެ ބަލިމީހުން ބަލާ ކޮޓަރިތައްވެސް މަދުވުމުގެ ސަބަބުން ކަމަށް ދައުލަތުގެ މީޑިއާއަށް މައުލުމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސަރވިސަސް ޝާފިޒް މޫސާ ވިދާޅުވިއެވެ. އައު އޯޕީޑީއާއެކު ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގައާއެކު މި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ޝާފިޒް ވިދާޅުވިއެވެ.
މިވަގުތު އެ ހޮސްޕިޓަލްއަކީ 30 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއްނަމަވެސް ސަރުކާރުން ވަނީ އެ ހޮސްޕިޓަލަށް ޖާގައި އިތުރުކުރުމަށް ނިންމަވާފައެވެ. އެގޮތުން ސަރުކާރުން ނިންމާފައިވަނީ އެރަށުގައި 50 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށެވެ.