އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

7 މެއި 2023 - 3:38

އިނގިރޭސި ވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ދެހާސް ދުއިސައްތައަށްވުރެ ގިނަ ޢިތްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލު ބާއްވަވާފައި ވަނީ ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައެވެ. މި އިޙްތިފާލުގައި ބައިވެރިވެވަޑައިގެންވި ޢިއްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ޝާހީ ޢާއިލާގެ މެންބަރުންނާއި 203 ޤައުމެއްގެ މަންދޫބުން ހިމެނިވަޑައިގަންވައެވެ. އޭގެ ތެރޭގައި ކޮމިއުނިޓީ އަދި ޗެރިޓީ ޗެމްޕިއަނުންނާ އަދި ސަތޭކައެއްހާ ޤައުމުތަކުން އެޤައުމުތަކުގެ އިސްވެރިންވެސް މިއިޙްތިފާލުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްގެފާނު ޗާލްސް އަދި ރާނީ ކެމީލާ އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންގހަމް ޕެލެސްއިން، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމީ އިޙްތިފާލު ބޭއްވެވި ލަންޑަންގެ ވެސްޓްމިންސްޓަރ އެބީއަށް ވަޑައިގެންނެވީ ޑައިމަންޑްޖުބިލީ ސްޓޭޓް ކޯޗްގައި ރަސްމީ ޢިއްޒަތުގައެވެ.

ހިޒް މެޖެސްޓީ ކިންގް ޗާލްސް 3ވަނަ އުފަންވެވަޑައިގެންނެވީ 1948 ގައެވެ. ކުރިން ޕްރިންސް އޮފް ވޭލްސް އަދި މިހާރު ކިންގް ޗާލްސް3 ވަނައަށް ރަސްކަން ވާރުތަވެވަޑައިގެންނެވީ 1952 ވަނަ އަހަރު ރާނީ އެލިޒަބަތު 2ވަނަ ތަޚުތުގައިވެޑުވުމާއި ހަމައިންނެވެ. އެއަށްފަހު، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ 8 ވަނަ ދުވަހު، ރާނީ އެލިޒަބަތު 2ވަނަ އަވަހާރަވެވަޑައިގެންނެވުމާއި ގުޅިގެން ރަސްކަމުގެ ތަޚުތާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވިއެވެ. އަދި މިއަދުގެ ބޭއްވި ކިންގް ޗާލްސް 3ވަނަ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި، ކުރީގެ ހަރ ރޯޔަލް ހައިނަސް ޑަޗަސް އޮފް ކޯންވޯލް މިހާރުގެ ހަރ މެޖެސްޓީ ކުއީން ކެމީލާވެސް ތަޚުތުގައިވެޑުވުން އޮތެވެ.