ތިލަފުށީގައި ބަލްކް ޕޯޓެއް ހަދައިދޭނެ ބަޔަކު ހޯދަނީ

22 އެޕްރީލް 2023 - 6:25

ތިލަފުށީގައި ބަލްކް ޕޯޓެއް ހަދައިދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާންކޮށްފިއެވެ.

އެމްޕީއެލުން ކުރި އިއުލާނެއްގައި ބުނީ ތިލަފުށީގައި ހަދާ ޕޯޓުގައި ލާޖް ބަލްކް ކާގޯ ބޯޓު، ކޮންޓެއިނާ ޝިޕް ބަނދަރު ކުރެވެން ހުންނާނެ ކަމަށެވެ. އަދި އެ ބަނދަރަށް މާލޭ ޕޯޓުގައި ހިނގަމުންދާ ހުރިހާ އޮޕަރޭޝަންތައް ވަގުތީ ގޮތުން ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

އެމްޕީއެލްގެ އިއުލާނުގައިވާ ގޮތުން، ތިލަފުށީގައި ޕޯޓެއް ހެދުމުގެ މަސައްކަތަށް ކުރިމަތިލެވޭނީ "ޑީޕް ސީ ކޮމާޝިއަލް ޕޯޓްސް" ހެދުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި އެ މަސައްކަތް ކުރުމުގެ މާލީ އަދި އިންސާނީ ގާބީލުކަން ލިބިފައިވާ ފަރާތްތަކުގެ އިތުރުން މީގެ ކުރިން ޕޯޓް ހެދުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާފައިވާ ފަރާތްތަކަށެވެ.

އަދި ޕޯޓު ހެދުމުގެ މަސައްކަތައް ކުރިމަތިލާ ފަރާތަކީ އެއްވެސް އިރެއްގައި ބަނގުރޫޓުވެފައިވާ ކުންފުންޏަކަށް ވެގެން ނުވާނެ ކަމަށްވެސް ބުންޏެވެ.

ޕޯޓު ހެދުމުގެ މަސައްކަތަށް ކުރިމަތިލާ ކުންފުނީގެ ފަރާތުން ޓީމް ޕްރޮޖެކްޓުގައި ތިބެންވާނީ އެފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ މީހުން ކަމަށާއި އަދި މަސައްކަތައް ކުރިމަތިލާއިރު އެއީ އެފަދަ މަސައްކަތެއް ކުރުމުގެ ގާބިލުކަން ލިބިގެންވާ ބައެއްކަން ބަޔާންކުރާ ތިން ރިފަރެންސް ލެޓާ ހުށަހަޅަންވާނެ ކަމަށް ބުނެފައިވެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނެ އެންމެ ފަހު ތާރީހަކީ މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.