ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އަޅަން ހަވާލުކޮށްފި

15 އެޕްރީލް 2023 - 15:34

ހުޅުމާލޭ ފޭސް 2 ގައި އިތުރު މިސްކިތެއް ޤާއިމު ކުރުމަށް އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާބަންކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އައިސީއެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒެވެ. އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފޭސް ދޭއް، ލޮޓް ނަންބަރު 20243ގައި 11،643.74 އަކަފޫޓުގެ ޖާގައިގާ މިސްކިތެއް ބިނާކުރާނެ އެވެ.

މި މިސްކިތުގައި 3 ފަންގިފިލާ ހުންނަ އިރު، މި މިސްކިތަކީ 521 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ހުޅުމާލޭ ފޭސް 2 ގައި އަލަށް މީހުން އާބާދު ވެގެން އަންނަ އިރު، ބޭނުންވާނެ މިސްކިތްތައް ޤާއިމު ކުރުމުގެ ތެރެއިން، މިއަދު ސޮއި ކުރެވުނު މިސްކިތް ހިމަނައިގެން ޖުމްލަ 7 މިސްކިތެއްގެ މަސައްކަތް މިހާރު ވަނީ ހަވާލު ކުރެވި، ގިނަ މިސްކިތްތަކުގެ އަމަލީ މަސައްކަތްތައް ފެށިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ވަގުތީ މިސްކިތްތަކުގެ އިތުރުން ދާއިމީ މިސްކިތެއް މިހާރުވެސް ފޭސް 2 ގައި ހުރެއެވެ.

ހުޅުމާލެއަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމަހާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލޭ ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ބޭނުންތަކެއް ހިމެނިގެން ތަރައްޤީކުރެވޭ ރަށަކަށް ހެދުމަށް އެޗްޑީސީގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.