ބަރާބަރަށް ކުލި ދައްކައިގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު

5 އެޕްރީލް 2023 - 14:48

ޤަވާއިދުން 6 މަސްދުވަހު އަރބަންކޯއަށް ކުލި ދައްކައިގެން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އެކުންފުނިން ފަށައިފިއެވެ.

އަރބަންކޯއިން ބުނީ "ޕޭ އެންޑް ވިން"ގެ ނަމުގައި ފެށި މިޕްރޮގްރާމުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭއިން ދޫކޮށްފައިވާ ފްލެޓުތަކަށް ބަރާބަރަށް ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައިގެން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށެވެ.

ހުޅުމާލޭގެ ބައެއް ހައުސިން ޔުނިޓުތަކުގެ ކުލި ބަރާބަރަށް ނުދައްކާކަން ފާހަގަކޮށް އަރބަންކޯއިން ބުނީ މި ޕްރޮގްރާމްގެ މަގުސަދަކީ ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުން ކަމަށެވެ.

"ޖެހިޖެހިގެން ހަ މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފިނަމަ މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ." އަރބަންކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަރބަންކޯއިން ބުނީ އެކި ސަބަބުތަކާ ހެދި ޤަވާއިދުން ކުލި ނުދެއްކި ހުރި ފަރާތްތަކަށް ނުދެއްކި ހުރި ޖުމުލަ ކުލި ބައިބަޔަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމްވެސް އެކުންފުނިން ފަހިކޮށްދީފައިވާ ކަމަށެވެ.