ސަޢޫދީން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ރަސްމީކޮށް ހަވާލުކޮށްފި

22 މާޗް 2023 - 17:50

ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދެއް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އިއްޔެ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީއެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

މިރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިންނާ އޮންނަ ގާތް ގުޅުމުގެ ތެރެއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހަދިޔާކުރާ ކަދުރު މިއަހަރުވެސް ދީފައިވަނީ ރަސްގެފާނުގެ ފަރާތްޕުޅުން ކަމަށެވެ.

އަދި ރާއްޖެއާއި އެޤައުމާ ދެމެދު އޮންނަ ގުޅުން ދެމި އޮންނަ ފަދައިން ދިވެހިންނަށް އަބަދުވެސް އެޤައުމުން ހެޔޮ އެދޭކަން ފާހަގަކުރެއްވިއެވެ. އަދި އެޤައުމާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ކުރިއަށް އޮތްތާނގައިވެސް އެގޮތުގައި ދެމި އޮންނާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަޙުދަށް އަދި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދަށް ޝުކުރު އަދާކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ކަދުރު ބަހަން ނިންމާފައިވާ ގޮތް އަންނަ ހަފްތާގައި އިޢުލާންކުރެވޭނެ ކަމަށެވެ.