12 ބިލިއަން ރުފިޔާގެ 310 މަޝްރުއޫ – ރާއްޖޭގެ ތާރީހުގައިވެސް ނުލިބޭފަދަ ކުރިއެރުމެއް

18 މާޗް 2021 - 8:53

ނެޝަނަލް ޓެންޑަރ މެދުވެރިކޮށް މި ސަރުކާރުން މިހާތަނަށް 12 ބިލިއަން ރުފިޔާގެ 310 މަޝްރުއޫ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދަމުންދާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ އިންޑިޔާ އެގްޒިމް ބޭންކްގެ އެހީގައި 34 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި ރާއްޖޭގެ ތާރިހުގައިވެސް މިފަދަ ބައިވަރު ތަރައްގީގެ މަޝްރޫއު ތަކެއް އެއްވެސް ސަރުކާރެއްގައި ހިންގާފައިނެތެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ކޯވިޑްގެ ހާލަތުގައިވެސް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔަކަމަށެވެ.

"މިއީ އޭގެކުރީ 5 އަހަރާއި އަޅާ ބަލާއިރު އެތައް ގުނައެއް އިތުރު އަދަދެއް، މިއީ ކުރީގެ އެތަށް ސަރުކާރުތަކާއި އަޅާ ބަލާއި ނުބައްދަލު އަދަދެއް، މިކަމުންވެސް ދައްކައިދެނީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް މި ސަރުކާރުން އިސްކަންދޭ މިންވަރު،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލުނުކުރެވި އޮތީ ގާތްގަނޑަކަށް 25 ވަރަކަށް ރަށުގައި ކަމަށެވެ. އަދި ކުރިއަށް އޮތް 2 މަސް ދުވަސްތެރޭ މިރަށްތަކުގެވެސް ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެތެރޭގައި ބާކީ އޮތް 25 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރުމުގެ އުފާވެރި ޙަބަރު ރައްޔިތުންނަށް ލިބިގެންދާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިފަދަ މަޝްރޫޢުތަކާއެކު ރަށްތަކަށް އަންނާނެ ތަރައްޤީތަށް ފާހަގަކުރައްވާފައެވެ. އެގޮތުން ލޯކަލް ޓޫރިޒަމް ފުޅާވެ، އިޤްތިސާދީގޮތުން ހެޔޮބަދަލުތަކެއް ރަށަށް އައިސް ތަރައްޤީގެ އިތުރު މަޝްރޫޢުތައް ރަށުގައި ފެށިގެން ދިޔުމަށް މަޤުފަހިވެގެންދާނެ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.