ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

14 މާޗް 2023 - 14:39

މި ހިނގާ މާޗް މަހުގެ 15 ވަނަ ދުވަހުން ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވާ ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

ޓެސްޓް ފްލައިޓް އޮޕަރޭޓް ކުރުމުގެ ބޭނުމަކީ ރަންވޭގެ ހާލަތު ދެނެގަތުމެވެ.

އެއަރޕޯޓު ހުޅުވުމަށް ޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފާއިތުވި ދުވަސް ތަކުގައި ވަނީ ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑާސާ، އަދި ސިވިލް އޭވިއޭޝަން ގުޅިގެން ވަނީ ކޮށްފައެވެ.

ޑާސާ އަކީ ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތާއި އެއްގޮތަށް މިނިސްޓަރ އޮފް ޑިފެންސްގެ ސީދާ ބެއްލެވުމުގެ ދަށުން އުފެއްދިފައިވާ އިދާރާއެކެވެ

އެގޮތުން، އާރްއޭސީއެލްގެ ޓީމަކާއެއްކޮށް، ޑާސާ އަދި ސިވިލް އޭވިއޭޝަންގެ ޓީމެއް ވަނީ ސައިޓް އިންސްޕެކްޝަނަކަށް ފަރެސްމާތޮޑާ އެއަރޕޯޓަށް 7 މާޗް 2023 ވީ ހޯމަދުވަހު ޒިޔާރާތްކޮށްފައެވެ.

މި އިންސްޕެކްޝަންގެ މައިގަނޑު މަގްސަދަކީ އެއަރޕޯޓްގެ އޮޕަރޭޝަން ފެށުމުގެ ކުރިން، އެއަރޕޯޓުގައި ބޭނުން ކުރެވޭނެ މެޝިންތަކާއި އަދި އެހެނިހެން ކަންތައްތަކަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން ( ޑާސާ) އަދި ސިވިލް އޭވިއޭޝަންގެ ސްޓޭންޑަޑްއަށް ފެތޭ ގޮތަށް ތަރައްޤީކުރެވިފައިވާ އެއަރޕޯޓްއެއްތޯ ބަލައި ފާސްކުރުމެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަން ފެށިފައިވަނީ 2020 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ. ފަރެސްމާތޮޑާ އެއަރޕޯޓަކީ ގދ  އަތޮޅުގައި އަޅާ ތިން ވަނަ އެއާޕޯޓެވެ.

2020 ވަނަ އަހަރު ތަރައްގީކުރަން ފެށުނު ގދ.ފަރެސްމާތޮޑާ އެއަރޕޯޓާކީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ އަދި މިހާތަނަށް ތަރައްޤީކުރެވިފައިވާ އެންމެ ފެންވަރު  ރަނގަޅު ޑޮމެސްޓިކް އެއަރޕޯޓެވެ.

އާރްއޭސީއެލް އުފެދުނިއް ސުރެއް އެކުންފުނިން ދަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އާރްއޭސީއެލް  ހަވާލުވި ގިނަ އެއަރޕޯޓްތައް ފުރަތަމަ އެތަންތަނާއި އެކުންފުނިން ހަވާލުވީއިރު ހުރީ ސިވިލް އޭވިއޭޝަންސް އިން ގަބޫލުކުރާ އެންމެ އެކަށީގެންވާ ހާލަތެއްގައި ނޫން ކަމަށް އެކުންފުނިނ ބުނެފައިވެއެވެ.

އެހެން ނަމަވެސް މިހާރު  އެކުންފުނީގެ އެއަރޕޯޓް ތަކަކީ ޒަމާނީ ފެންވަރުގެ މެޝިންތައް ބެހެއްޓި، ސިވިލް އޭވިއޭޝަންސްއިން ގަބޫލުކުރާ މިންގަނޑަށް ގެނެވިފައިވާ އެއަރޕޯޓްތަކެއް ކަމަށް އެކުންފުނިން ބުނެއެވެ.

އަދި އާރްއޭސީއެލް އިން ބުނީ އެ ކުންފުނީގެ ދަށުން ބަލަހައްޓަމުން ދާ އެއަރޕޯޓްތަކަކީ މިއަދު ރައްޖޭގައި ހުރި ހުރިހާ އެއަރޕޯޓްތަކަކާއި އަޅާ ބަލާއިރު ރެގިއުލޭޓަރީ ސްޓޭންޑަޑްގެ ގޮތުން އެންމެ ރަނގަޅު އެއަރޕޯޓް ތައް ކަމަށެވެ.