އާބަން ބޮލަވާޑްގައި ރެސްޓޯރަންޓް ތަރައްގީކުރަން 6 ކުންފުންޏަކާއެކު ސޮއިކޮށްފި

12 މާޗް 2023 - 15:15

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ސަހައްދުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހިންގާ އާބަން ބޮލެވާޑް މަޝްރޫއުގައި ހިމެނޭ ކެފޭ/ރެސްޓޯރެންޓްތައް ހަދަން 6 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މީރުމާ ހޮޓެލްގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ކެފޭ/ ރެސްޓޯރެންޓުތައް ހަދަން ހަވާލުކުރި ކުންފުނިތަކާއެކު އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރު އަހުމަދު ޝާމްއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ:

* ބްރަދާސް ކޭޓަރިން
* ރެފްކޫލް
* ސެލްސިއަސް ޕްރައިވެޓް ލިމިޓެޑް
* މިސްރާބު ޕްރައިވެޓް ލިމިޓެޑް
* ޑްރީމްސް ޕްރައިވެޓް ލިމިޓެޑް
* ޑައިނެމޯ ރެސްޓޯރެންޓްސް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހް ވިދާޅުވީ، އާބަން ބޮލެވާޑް ނިމިގެންދާއިރު، އެ ސަރަހައްދުވެގެން ދާނީ ހުޅުމާލޭގެ ތަރައްގީއާއި ބަދަހިވަންތަ މުޖުތަމައު ދައްކުވައިދޭ ފުރިހަމަ ރަމްޒަކަަށް ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ތަރައްގީކޮށްފައި ހުންނަ ބޮލެވާޑްތަކާއި އެއްގޮތަށް ހުޅުމާލޭގެ އާބަން ބޮލެވާޑްވެސް ވެގެންދާނީ ގިނަ ހިދުމަތްތަކެއް އެއްތަނަކުން ލިބިގެންދާނެ ތަނަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.ޝާހް އިތުރަށް ވިދާޅުވީ، ބޮލެވާޑްގައި ހަދާ ކެފޭ/ރެސްޓޯރެންޓްތަކުން ތަފާތު ގިނަ ކެއުންތައް ލިބިގެންދާނެ ކަމަށާއި އެ ކެފޭތައް ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާ ރައްޓެހި އަދި އާބަން ބޮލެވާޑްގެ ރީތި ކަމަށް ބަލާ، އޭގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށެވެ.