މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

6 މާޗް 2023 - 13:34

ށ. މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މާއުނގޫދޫ ބަނދަރުގެ މަސައްކަތް ފަށައި، އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުން ދަނީ އާ ހާބާ ބޭސިން ފުން ކުރުމުގެ މަސައްކަތް ކަމަށެވެ.

މާއުނގޫދޫ ބަނދަރުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 56.33 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ ދަށުން 69،013 ކިއުބިޓް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 3،245 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އަދި 362 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 1،509 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމެންޓް ހެދުމާއި، ރޭޕްމު ހެދުމާއި ކޮންކުރީޓް ޖެޓީއެއް ހެދުމާއި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.