ހިޔާ ސަރަހައްދުން 136 ވަޒީފާގެ ފުރުޞަތު އެޗް.ޑީ.ސީގެ އޯޕަން ޑޭގައި ހުޅުވާލަނީ

5 މާޗް 2023 - 16:33

ހިޔާ ޓަވަރުތަކުގެ ވަޒީފާއަށް 136 މީހުން ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފިއެވެ.

އެޑްޑީސީން ހުޅުވާލާފައި ވަނީ ސެކިއުރިޓީ އެސިސްޓެންޓްގެ 88 ވަޒީފާ އާއި ސަޕޯޓް ސްޓާފުގެ 48 ވަޒީފާއާއެކު ޖުމުލަ 136 ވަޒީފާއަށެވެ. ވަޒީފާތައް ހުޅުވާލާފައިވަނީ 10،500 ރުފިޔާގެ މުސާރައެއްގައެވެ.

ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓައި ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަނީ ބަޔަކާ ހަވާލުކޮށްގެންނެވެ. އެޗްޑީސީން މައުލޫމާތު ދިން ގޮތުގައި މި ވަޒީފާތަކުގެ ބޭނުމަކީ އެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުންނާ ހަވާލުކޮށްގެން ކުރާ ގޮތަށް ބަދަލުކުރުމެވެ.

އެގޮތުން އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހްމަދު މިމްރާހު "ސަން" އަށް ވިދާޅުވީ އެކޯޕަރޭޝަންގެ އަމާޒަކީ ވީހާވެސް ގިނަ ވަޒީފާ ދިވެހިންނަށް ދިނުން ކަމަށެވެ. އަދި މި ފަހަރުގެ ވަޒީފާތަކަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުނަށް ހާއްސަކޮށްފައިވާ ވަޒީފާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެ މަސައްކަތް ކުރާ މީހުންނާއެކު ވެފަ އިން އެއްބަސްވުން ކުރިއަށް އޮތް މަހެއް ދެމަހެއްހާ ދުވަސް ތެރޭގައި ހަމަވާނެ. އެހެންވެ އިތުރަށް އެ އެކްޓެންޑް ނުކޮށް ވަޒީފާތަކަށް ހުޅުވާލީ،" އޭނާ ވިދާޅުވިއެވެ.

އެޗްޑީސީން އިއުލާނުކޮށްފައިވާ ދެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހުކުރު ދުވަހު ބާއްވާ އެ ކޯޕަރޭޝަންގެ "އޯޕަން ޑޭ"އަށް ދިއުމަށް ވަނީ ދައުވަތު އަރުވާފައެވެ. އެ ހަރަކާތް އޮންނާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލުގައި ހަވީރު 16:00އިން ފެށިގެން 18:00އަށެވެ. އަދި ރޭގަނޑު 20:00އިން ފެށިގެން 22:00އަށެވެ.