ގަން އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

5 މާޗް 2023 - 16:23

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް އިންޑިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރު ކެބިނެޓުގެ ގިނަ ވަޒީރުންތަކެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން އިކޮނޮމިކް މިނިސްތަރު ފައްޔާޒު އިސްމާއީލާއި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމިރާއި، ޓްރާންސްޕޯޓު މިނިސްޓަރު ޢައިޝަތު ނަހުލާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރައްޔިތުންގެ މަޖިލިހުގައި އައްޑޫ ސިޓީ ތަމްސީލުކުރައްވާ ބައެއް މެންބަރުންވެސް ހާޒިރުވެ ތިއްބެވިއެވެ.

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ހަވާލުކުރީ އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާއިއެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އެމްޑީ ގައިސް ނަސީރުއެވެ. އަދި އިންޑިއާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއާމަން ސިލްވަސުންދަރަމްއެވެ.

މި އެއާޕޯޓު ތަރައްގިކުރުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަޝްރޫއުއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ 17 މިލިއަން ޑޮލަރުއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާއިރު 272.2 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާ އެކު ޓާމިނަލް ތަރައްގީ ކުރުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައު ކޮންޓްރޯލް ޓަވަރެއް އިމާރާތްކުރެވިގެންދާއިރު، ފަޔާ ސްޓޭޝަންއަކާއި، އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖަކާ އެކު ކާގޯ ވަސީލަތްތައްވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދެއްވެސް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވިގެންދާނެއެވެ.