އޮފީސް އިމާރާތް އަޅަން ހުޅުމާލެއިން ފަސް ބިމެއް ވިއްކަނީ

28 ފެބުރުއަރީ 2023 - 16:02

އޮފީސް އިމާރާތް އަޅަން ހުޅުމާލެއިން ފަސް ބިމެއް ވިއްކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އޮފީސް އިމާރަތް އެޅުމަށް ފަސް ބިން ވިއްކައިގެން އެ ކުންފުންޏަށް 417.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހި ވިޔަފާރިތަކަށް ކަމަށެވެ.

ބިން ގަތުމަށް ބިޑް ކުރެވޭނީވެސް 100 ޕަސަންޓް ދިވެހި ކުންފުނިތަކަށް އެކަނި ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އޮފީސް އިމާރަތް އެޅުމަށް ދެ ބޮޑު މިނެއްގެ ބިން ވިއްކަން ނިންމާފައިވާ ކަމަށާއި އެއީ 6،124 އަކަފޫޓުގެ ތިން ބިމާއި 9،633 އަކަފޫޓުގެ ދެ ބިން ކަމަށެވެ. އެއިން ކޮންމެ ބިމެއް ވިއްކާނީ އަކަފޫޓަކަށް އެންމެ ކުޑަކޮށް 4،500 ރުފިޔާއަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެހެންކަމުން 6،124 ގެ ބިމަށް ޖުމުލަ 2.8 މިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު، 9،633 އަކަފޫޓޫގެ ބިމަށް ދައްކަން ޖެހޭނީ 43.4 މިލިއަން ރުފިޔާއެވެ. ބިން ދޫކުރާ ހުޅުމާލޭގެ ސަރަހައްދުތަކެއް އެޗްޑީސީން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

އޮފީސް ހެދުމަށް ވިއްކާ 6،124 ބިމަށް ބިޑް ސެކިއުރެޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި އަދި 9،633 އަކަފޫޓުގެ ބިމަށް ބިޑް ސެކިއުރެޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. ބިޑު ހުށަހަޅާފައިވާ ބިމަކަށް އިތުރު ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދިހަ ދުވަސް ވަންދެން އޮންނާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ބިން ގަތުމަށް އެއް ހުށަހެޅުމަށް ވުރެ ގިނަ ހުށަހެޅުން ލިބޭ ހާލަތްތަކުގައި، އެ ފަރާތްތަކުގެ މެދުގައި ހުޅުވާލައިގެން ބިޑު ބައްދަލުވުމެއް ބާއްވައި އޭގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ބިން ވިއްކާނެ ކަމަށް އެޗްޑީސީން ބުންޏެވެ.