ހުޅުމާލޭ ފޭސް 2 ގައި އިމާރާތް ކުރާ ކޮންމެ އިމާރާތަކީ ވެސް ބޭނުން ކުރަން ފަށާއިރު މުވާސަލާތީ ވިއުގާ އިން ގުޅާލާ ތައްޔާރުވެފައިވާ ތަނަކަށް ހެދުމަކީ އެއްމެ ބޮޑު އެއް އަމާޒު: އެޗް.ޑީ.ސީ

27 ފެބުރުއަރީ 2023 - 12:48

ހުޅުމާލޭގެ ތަރައްޤީ އައު މިސްރާބަކަށް ބަދަލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު އެޗް.ޑީ.ސީގެ ފަރާތުން ޤާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކާއެކު، ހުޅުމާލޭ ފޭސް ދެއެއްގައި ތަރައްގީކުރެވޭ ކޮންމެ އިމާރާތަކީވެސް އެތަނަކަށް ރައްޔިތުން ބަދަލުވާންވާއިރަށް ސީދާ އެޕާރޓްމެންޓާއި ހިސާބަށް ފައިބަރ ނެޓްވަރކް އިންޓަރނެޓް އަދި ޓީވީގެ ޙިދުމަތްލިބިގަތުމަށް ތައްޔާރު ކުރެވިފައިވާ ނެޓްވޯކަށް ވެގެންދާނެކަމުގައި އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ވޮތުގައި، މީގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން އިމާރާތައް ބަދަލުވެ ޙިދުމަތައް އެދުމާއެކު ގަޑިއިރުކޮޅެއް ތެރޭގައި ޙިދުމަތް ލިބިގެންދދިއުމުގެ މަގު މިހާރު މިވަނީ ފަހުވެގެން ގޮސްފައެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ، ފޭސް 2ގައި، 7000 ހިޔާ ފްލެޓް، ސްޓެލްކޯގެ ބްލޫ ރިޖް، އެމް.އޭ.ސީ.އެލްގެ ހިޔާ ފްލެޓްއަށް ރައްޔިތުން ބަދަލުވިއިރު އެޗް.ޑީ.ސީގެ ސްމާޓްކޮމް ޓީމްއިން ވަނީ މިއިން ކޮންމެ އިމާރާތެއްގެ ހުރިހާ ފްލެޓްތައް އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯރކްއާ ގުޅާލައި އެޕާރޓްމެންޓްތަކުގައި އޯ.އެން.ޓީ ޑިވައިސް ހަރުކޮށް ޙިދުމަތްތައް ދިނުމަށް ތައްޔާރުކޮށްފައި ކަމުގައެވެ. އަދި މިހާރު ހުޅުމާލެ ފޭސް 2ގައި އެމް.ޑަބްލިއު.އެސް.އީ ގެ މަލަސް އިމާރާތްވެސް ގުޅުވާލައިފައިވާކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.

މިގޮތުން، މި އިމާރާތުގެ އެޕާރޓްމަންޓްތަކުގެ ވެރިފަރާތްތަކާއި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން އިމާރާތައް ކަނެކްޝަން އަޅާ، ފެބްރުއަރީ 15 ވަނަ ދުވަހު ރަސްމީކޮށް އިންޓަރނެޓް އަދި ޓީވީގެ ޙިދުމަތް ލިބޭނޭ ނިޒާމް ޤާއިމްކޮށްފައިވާކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.

އެޗްޑީސީން ބުނެފައިވަނީ، މި މަސައްކަތުން ލިބޭ ގިނަގުނަ ފަސޭހަތަކުގެ ތެރޭގައި، އިންޓަރނެޓްގެ ޙިދުމަތް ފޯރުކޮށްދޭ ފަރާތް ބަދަލްކޮށްލަން ބޭނުންވި ކަމުގައި ވިޔަސް ކުޑަ ވަގުތުކޮޅެއްގެތެރޭގައި އެކަމަށް މަގުފަހުވުން ހިމެނިގެން ދާނެއެވެ.  އަދި އޭގެ އިތުރުން، ޙިދުމަތް މެދުކެނޑުމަށް ދިމާވާ މައްސަލަތައް މަދުކުރެވި، އޯޕަން އެކްސެސް ނެޓްވޯރކާއެކު، އެކި ޙިދުމަތްދޭ ފަރާތްތައް މަގުކޮނެ ކޭބަލް އެޅުމުގެ މަސައްކަތް ހުއްޓުމަކަށްގެނެވުމުން މަސައްކަތުގެ ތެރޭގައި އެހެނިހެން ކޭބަލް ތަކަށް ގެއްލުން ލިބި ކަނެކެޝަންކެނޑެން ދިމާވާ ހާލަތްތައް  މަދުކުރެވިފައިވާކަމަށްވެސް އެޗްޑީސީން ފާހަގަ ކުރެއެވެ.

އޭގެ ހެއްކެއްގެ ގޮތުން އެޗްޑީސީން ފާހަގަ ކޮށްފައިވަނީ، އޯޕަން އެކްސެސް ނެޓްވޯރކްގެ އަޕްޓައިމް ވޭތުވެދިޔަ އަހަރުތެރޭގައި 100% ގައި ހުރުމެވެ. އޭގެ މާނައަކީ ކުރިއާލާ ރާވައިގެން ކުރިއަށްގެންދެވޭ މެއިންޓެނަންސް އަދި އަޕްގްރޭޑިންގްގެ މަސައްކަތަކަށް ނޫން ގޮތަކަށް ނެޓްވޯރކް ޙިދުމަތް މެދުނުކެނޑުންކަމުގައިވެސް އެޗްޑީސީން ފާހަގަ ކޮށްފައި ވެއެވެ.

އެޗް.ޑީ.ސީން ބުނެފައިވަނީ އެ ކުންފުނީގެ ސްމާޓްކޮމް ޓީމްގެ މަސައްކަތްތައް ބަށްޓަން ކުރެވިފައިވަނީ ޒަމާނީ ވަސީލަތްތަކާއެކު ހުޅުމަލޭގެ ރައްޔިތުންނަށް ސްމާޓް ސިޓީއެއްގެ ކުލަ ޖެހިފައިވާ ފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުމަށް ކަމުގައެވެ.