ހުޅުމާލެ އަކީ ޒަމާނީ ވަސީލަތްތަކާއިއެކު ވިޔަފާރީގެ ގިނަ ޙިދުމަތްތަކެއް ލިބިގެންދާނެ ރަށަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން: އެޗްޑީސީ

22 ފެބުރުއަރީ 2023 - 16:04

ހުޅުމާލެ އަކީ މިވަގުތު ރާއްޖޭގައި އެއްފަހަރާ އެއްމެ ގިނަ ބަޔަކު އާބާދު ވަމުން އަންނަ ރަށެވެ. ފޭސް 2 ގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް ނިމި އަލަށް އާބާދު ވަމުން އަންނަ އިރު، ހުޅުމާލޭގައި ލިބެން ހުންނަ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ގިނަ ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޗް.ޑީ.ސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން، ވިޔަފާރީ ވެރިންނަށް ހުރި ފުރުޞަތުތައް އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޙާއްސަ އިސްކަމެއް ދީގެން ގިނަ ކޮމާޝަލް ޔުނިޓްތަކާއި އިމާރާތްތައް އެޅުމަށް މިހާރު ހަވާލު ކުރެވި މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

މިގޮތުން، އަލަށް އިމާރާތް ކުރެވެމުންދާ ހައުސިންގ މަޝްރޫޢުތަކުގެ ކޮމާޝަލް ޔުނިޓްތައް އެކި ކަހަލަ ވިޔަފާރިތައް ހިމެނިގެން އިޢުލާން ކުރެވި މިހާރު ޔުނިޓުތަކުގައި ޙިދުމަތްތައް ވެސް ދަނީ ދެމުންނެވެ. މީގެ އިތުރުން، މިހާރު ހުޅުމާލޭގައި ލިބެން ހުރި ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ޙިދުމަތްތައް ޤާއިމު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި އަލަށް ޤާއިމު ކުރާ 2 ޕެޓްރޯލް ޝެޑަކީވެސް ޒަމާނީ ޙިދުމަތްތައް، މިގޮތުން ކާރު އަދި ސައިކަލް ދޮވެ، ކުދި ރިޕެއަރ ކުރެވޭނެ ގޮތަށް ފަރުމާކޮށް ހަވާލު ކުރެވިފައިވާ 2 މަސައްކަތެވެ. މީގެ ތެރެއިން، ހޯކްސް ޕްރައިވެޓް ލިމިޓަޑާއި ހަވާލުކުރެވުނު ޝެޑުން މިހާރު ވެސް ގިނަ ބަޔަކު ދަނީ ޙިދުމަތް ހޯދަމުންނެވެ.

ކެފޭ، ނުވަތަ ރެސްޓޯރަންޓުތަކަކީ އަބަދުވެސް އާއްމުންގެ މެދުގައި މަޤުބޫލު ވިޔަފާރިތަކެވެ. ހުޅުމާލޭގައި ހުންނަ ކެފޭ އަދި ރެސްޓޯރަންޓުތަކަށް ހުރި ފުރުސަތުތައް އިތުރުކޮށް، މިފަދަ ތަންތަނަކީ އާއިލާތަކާއި ކުޑަ ކުދިންނަށް ހިތްފަސޭހަ ބޭނުން ކުރަން ފަސޭހަ ތަންތަނަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ވޯޓަރ ފްރަންޓް ކޮމެޝަލް ކޮމްޕްލެކްސް ފާހަގަކޮށްލެވެއެވެ. މި އިމާރާތުގައި ގިނަ ފްރެންޗައިސްތަކަކުން ޙިދުމަތް މިހާރު ދެމުންދާއިރު، އިވެންޓް ފަދަ ހަފުލާ ބޭއްވުމަށް ކުޑަ ހޯލެއް ވެސް ހުރެއެވެ. ހަމަ މިގޮތަށް ކެފޭ ކޯޓެއް ޤާއިމު ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުންނެވެ. މި ކެފޭ ކޯޓުގައި 6 ރެސްޓޯރަންޓް ހުންނަ އިރު، ޓެރަސް އަދި އިވެންޓް ސްޕޭސްގެ އިތުރުން ސްވިމިންގ ޕޫލެއް ހިމެނެއެވެ. މީގެ އިތުރުން، ތަފާތު ޙިދުމަތްތައް އިތުރުކުރުމަށް ފިޓްނަސް އެންޑް ވެލްނަސް ސެންޓަރެއް ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެމް.ޓީ.ޑީ އަދި ގްލަޓާއި ހަވާލުކޮށްގެން އިމާރާތް ކުރާ ސެންޓަރުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

އެޗް.ޑީ.ސީން ބުނެފައިވަނީ އެކުންފުނީގެ މަސައްކަތްތައް ބައްޓަން ކޮށްފައިވަނީ ހުޅުމާލެ އަކީ ޒަމާނީ އަދި ހުރިހާ ޙިދުމަތްތަކެއް ވެސް ފަސޭހަ ކަމާއި އެކު ލިބިގެންދާނެ ރަށަކަށް ހެދުމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ޙިދުމަތްތަކެއް ލިބިގެންދާނެ ގޮތަށް ޕްލޭން ކުރެވި ފުރިހަމަ ރަށަކަށް ހެދުމަކީވެސް އެކުންފުނީގެ އަމާޒެއްކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.